Last Updated: March 28, 17:21
Thursday, March 28, 2024
ރިޕޯޓް

އައްޑޫގައި ޓޫރިޒަމް ފުޅާ ކުރަން އެބަ އުޅޭތަ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަޑައިގަތުމަށް އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ އައްޑޫގައި ފަތުރުވެރިކަން ފުޅާ ކޮށްދެއްވާނެ ކަމުގެ ވައުދެވެ. އެމަނިކުފާން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ތަރައްޤީ އައްޑޫ ފަހަނަޅައި ރާއްޖޭގެ އެހެން އެއްވެސް ތާކަށް ނުދާނެކަމަށެވެ.

ރައީސް ޔާމީންގެ ވައުދަށް 4 އަހަރުވީއެވެ. ނަމަވެސް އެމަނިކުފާން އެވިދާޅުވި ތަރައްޤީއެއް އައްޑޫއަށް އަންނަ މަންޒަރު ނުފެނެއެވެ. އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް މި ސަރުކާރުން ނިންމާފައި އޮތީ ހިއްކައިގެން ނަމަވެސް 5000 އެނދު އިތުރުކުރުމަށެވެ. އެމަނިކުފާންގެ ވެރިކަމުގައި މިވީ މުއްދަތުގައި ފަތުރުވެރިކަމުގައި އެންމެ އެނދެއްވެސް އަދި މިހާތަނަށް އިތުރެއް ނުވެއެވެ. އަދި އިތުރުވާން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ފަތުރުވެރިން ހަރުދަނާ ކުރާ ވާހަކަ އެބަދެކެވެއެވެ.

އައްޑޫގައި ފަތުރުވެެރިކަން ތަރައްޤީ ކުރުމުގެ ވާހަކަ ފެށެނީ ގަމުގެ އިންޓަނޭޝަން އެއާޕޯޓާއި ހަމައިންނެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ގަން އެއާޕޯޓް ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެމަސައްކަތް ހުއްޓި، ނުހުއްޓި ކަހަލަ ގޮތަކަށް ނިންމާލެވުނީ މިދިޔަ އަހަރުއެވެ. އެއާޕޯޓް ރަންވޭގެ މަސައްކަތް ކުރި ގޮތާއި މަސައްކަތުގެ ފެންވަރުގެ ވާހަކަ އެހެން ފަހަރަކުން ދައްކާނީއެވެ.

އެއާޕޯޓް ހުޅުވީ އާދައިގެ ގޮތަކަށެވެ. ކުރީގެ އެއާޕޯޓަށް އިތުރުވީ އާ ރަންވޭގެ ބައެކެވެ. ހިދްމަތް ފުޅާ ކުރަން ބޭނުންވާ ގިނަ ވަސީލަތް އަދިވެސް ގާއިމް ނުކުރެވެއެވެ.

އެއާޕޯޓް ރަންވޭ ދިގުކުރުމަށްފަހު ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުމާއި ގުޅިގެން ދަތުރު ފެށީ ސްރީލަންކަންއިން އެކަނިއެވެ. ބަނގުރޫޓްވެފައިވާ އެއާލައިން ހަފްތާއަކު 4 ފްލައިޓް ބާއްވާތާ 3 މަސް ވަނީއެވެ. ނަމަވެސް އެއާލައިން އާއި އެކު އައްޑޫގެ ފަތުރުވެރިކަން ފުޅާ ކުރަން އުޅޭ މަންޒަރެއް ނުފެނެއެވެ. އެއާލައިންއަށް އެކަށީގެންވާ ޕެސިންޖަރުން ލިބެން އޮތީ ދެކުނުގެ ފަތުރުވެރިކަން ތަރައްޤީ ކުރެވިގެންނެވެ. ގެސްޓް ހައުސް ތަކާއި ރިސޯޓް ތައް އިތުރުވެގެންނެވެ. އެއާލައިންއަށް ސަރުކާރުން ފަހި ގޮތްތަކެއް ހޯދައިދީގެންނެވެ. ނަމަވެސް މިއިން ކަމެއް އަދި ނުފެނެއެވެ.

މި ސަރުކާރުން އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭނަމަ ތިން މަސްވެގެންދާއިރު ވިސާ ހޯލްޑަރުންނަށް ގަމަށް އައިސް ގޮސް ހެދޭނެއެވެ. ސްރީލަންކަން ގަމާއި ލަންކާ އާއި ދެމެދު އުދުހުނަސް ވިސާ ހޯލަޑަރުންނަކަށް އަދިވެސް ދަތުރެއް ނުކުރެވެއެވެ. މިއީ ދަތުރުފެށި ހަމައެކަނި އެއާލައިންއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އައްޑޫ އެއާޕޯޓާއި ދެކުނުގެ ފަތުރުވެރިކަން ތަރައްޤީ ކުރަން އުޅޭ ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރެވެމުންދާ މަޝްރޫއަށް ދެވޭ ފަދަ އިސްކަމެއް ދެވިގެންދާތަން ފެންނާނެއެވެ. "މޯލްޑިވިއަން އައިޑޮލް" ފަދަ ޕްރޮގްރާމް ތަކުގައި "ބަލާ ނިއޭށީ އައްޑޫ އެކާލޯ" ފަދަ ލަވަތައް އިވޭނެއެވެ. ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް މި އިވެނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރާ މަންޒަރާއި އަޑެވެ.

އިސްމެހެލާ ހެރަ އިންޓަގްރޭޓެޑް ރިސޯޓާއި، ހަންކެޑެ ސިޓީ ހޮޓަލްގެ ކުރެހުމާއި އައްޑޫގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން އަދިވެސް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދައްކާ ނުލެވެއެވެ. އިވެނީ އިސްމެހެލާ ހެރަ ބެލި ހަބަރަކާއި ފަތުރުވެރިކަން އާއުސް މިނަކަށް ގެންނާނެ ވާހަކައެވެ. ކުރުކޮށް ބުނާނަމަ "ހުސް ވައި އަނގަ ތަޅާ" އަޑެވެ. އިންތިހާބްތައް ބޯމަތިވަމުން އަންނަ އިރު އިވޭ އާއްމު ލަވައިގެ އަޑެވެ. ތަފާތެއް ނުފެނެއެވެ.