ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަންނަ މަހުގައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
މިދަތުރުފުޅަކީ އެހީގެ ދަތުރުފުޅެއް ކަމަށް ސައުދީ އޮފިޝަލަކާ ހަވާލާދީ 'ސަން' އިން ރިޕޯޓުކޮށްފައިވެއެވެ. ފ.އަތޮޅު ސައުދީއަށް ވިއްކާލަން އުޅޭ ޚަބަރު ގަދަވެފައިވާ މިދަނޑިވަޅުގައި ސައުދީގެ ފަރާތުން މިފަދަ އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
ނަމަވެސް ރައީސް ޔާމީން ވަނީ ފ.ނިލަންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅަކީ ސައުދީ އިން ތަރައްގީ ކުރުމަށް ޚާއްސަ އިސްކަމެއް ދީފައި އޮތް ރަށެއް ކަމަށް ވިދާޅުވެފައިވެއެެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ ދުނިޔެއިންވެސް ވަރަށް މަދު ތަންތަނުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިމަޝްރޫއުގެ ސަބަބުން އެކިވައްތަރުގެ ސިނާއަތްތަށް ގާއިމްކުރެވި ތަރައްގީވުމަށް ލިބޭ ބޮޑު ފުރުސަތަކަށް ވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސައުދީ ރަސްގެފާނު ރާއްޖެ އައުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ވުމަށް އެޑްވާންސްޑް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާކަން ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް ރަސްގެފާނު ވަޑައިގަންނަވާނެ ތާރީޚު އަދި ޔަގީން ކުރެވިފައިނުވެއެވެ.