Last Updated: April 24, 17:58
Wednesday, April 24, 2024
ވިޔަފާރި

ޖެނުއަރީގައި އިމްޕޯޓް ޑިއުޓީ އާމްދަނީ އިތުރު

މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް އަށް ލިބުނު އާމްދަނީ %25 އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީއިން 226 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ލިބިފައިވަނީ 181 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރު ޖެނުއަރީ މަހު ވަނީ 3.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރެވިފައެވެ.

އެކްސްޕޯޓް ކުރި މުދާވެސް ވަނީ މިއަހަރު ޖެނުއަރީ މަސް މިދިޔަ އަހަރު ޖެނުއަރީ މަހާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން މިއަހަރު ވަނީ 633 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު އެކްސްޕޯޓު ކުރެވިފައިވަނީ 265 މިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު ބަދަލާއެކު ސިނގިރޭޓާއި އެނާޖީ ޑްރިންކު އަދި ފިޒީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމުން އިމްޕޯޓް ޑިއުޓީގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވެއެވެ.