Last Updated: April 27, 09:46
Saturday, April 27, 2024
ކޮލަމް

ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް އަތުވެއްޖެ

2017 ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނުލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުން ދަނީ ބަސްބަހާބެހި ރައްކާތެރިކޮށް ބަލަހައްޓައި ބަސް އޭގެ ތަރޯތާޒާކަންމަތީ ދެމެހެއްޓުމުގެ މަތިވެރި ނިޔަތުގައެވެ. ބަހަށް ލިބިދާނެ ގެއްލުންތަކުން ބަސް ސަލާމަތްކޮށް ޙިމާޔަތް ކުރުމުގެ ހެޔޮ ނިޔަތުގައެވެ.

އަޅުގަނޑުމެން މޮށެއުޅޭ ދިވެހިބަހަކީ ވެސް ދުނިޔޭގެ ބަސްބަހާބެހީގެ ތެރޭގައިހިމެނޭ ބަހެކެވެ. މިބަހަކީ ކިތަންމެ ކުޑަބަހެއްކަމުގައި ވީނަމަވެސް ބަހުގެ ހަރުދަނާ ގަވާއިދަކާއި ހަމަތަކާއި އުސޫލެއް އޮތް ބަހެކެވެ. މުއްސަނދި ބަހެކެވެ. ރީތި، އަސަރުގަދަ ފަށުވި ބަހެކެވެ. ބަސްދެކެ ލޯބިވާ މީހުން ބަސްދެކެ އިންތިހާއަށް ލޯބިވިޔަސް މިއަދުގެ މާޙައުލުގައި ބަހަށް ލިބެމުންދާ ގެއްލުމަކީ އެންމެންވެސް އެކަންކަމާ މެދު ވިސްނައި ފިކުރު ކުރަންޖެހޭވަރުގެ ބޮޑުގެއްލުމެއްކަން ކަށަވަރެވެ.

އާދޭހެވެ. ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތައް ގެއްލެމުން ދަނީ ހިކިހޯލި ދަނޑެއްގައި އަލިފާން ރޯކޮށްލުމުން އަނދައިގެންދާހާ ހަލުވިމިނެއްގައެވެ. ދިވެހިބަހުގެ ދަރަޖަތަކަށް އަޅާލުމެއްނެތް ތާނގައި ބަހުގެ ދަރަޖަތަކަކީ ހިޔަޅަށް މޭބިސްކަދުރު ހުތްވީހެން ހުތްއެއްޗަކަށްވެއްޖެއެވެ. އާއްމު މުޖުތަމައަށް ބަލާއިރު ދިވެހިބަސް މިވަނީ ލަދުހުތުރު ބަހަކަށްވެފައެވެ. ބައެއްތަންތާނގައި ބައެއް ޙާލަތުގައި ދިވެހިބަހަކީ ދޮންމަންމައަކަށް ލިބިފައިވާ ދޮންދަރިއެކެވެ.

މިހިރަމިހިރަ މަންޒަރުތައް ދިމާ ލޯމަތިން ފެންނަހިނދު، ދިވެހިބަސް އާލާކޮށް ނެގެހެއްޓައި ކުރިއެރުވޭތޯ ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ވީމިންވަރަކުން މަސައްކަތް ކުރަން މިއަދު މިވަނީ ޖެހިފައެވެ. އަޅުގަނޑުގެ މި ވާހަކަކޮޅަކީ އެންމެންނަށްވެސް ކަމުދާނެ ވާހަކަކޮޅެއް ކަމަށް ވެއްޖެއްޔާ ލިބޭ އުފާ ވަރަށްވެސް ބޮޑެވެ.

މާތް ﷲ އަޅުގަނޑުމެންގެ މި ލޮބުވެތި މާދަރީބަސް ހެޔޮގޮތުގައި ދެމެހެއްޓުމުގެ ހެޔޮ ތައުފީޤް ހުރިހާ ދިވެހިންނަށް ދެއްވާށި.