Last Updated: April 20, 07:18
Saturday, April 20, 2024
ރިޕޯޓް

އާ އިންސްޓިޓިއުޓަކާ އެކު ޝީރީންގެ ހިދުމަތް އައްޑު އަށް

ހީވާގި، މުރާލި އަންހެން ކަނބަލުން އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ. އެފަދަ ފަރާތްތަކުގެ ޚިދްމަތުގެ އަގު އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ވަޒަންކުރެވޭ މިންވަރު ކުޑައެވެ.
އަމިއްލަ މަސައްކަތުން ޢާމްދަނީ ހޯދައި އަދި އެމަސައްކަތުގެ ތެރެއަށް އެހެނިހެން ފަރާތްތައް ވެއްދުމުގެ ބުރަ މަސައްކަތްކުރާ އެތަކެއް ދިވެހިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުރަކޮށް އެމަސައްކަތްކުރަމުން އެބަގެންދެއެވެ. އެފަދަ ދިވެހިންގެ ތެރެއިން އައްޑޫގެ ބައެއް އަންހެން ކަނބަލުންނަކީ ލާމަސީލް ކަނބަލުންގެ ގޮތުގައި ފާހަގަކޮއްލެވޭ ބައެކެވެ.

މިގޮތުން ފާހަގަކޮށްލެވޭ އެއްފަރުދަކީ، ސ، ހިތަދޫ، ނިއަމީ / ފާޠިމަތު ޝީރީނެވެ. ހީވާގި އަންހެން ކަނބަލެކެވެ. މިނަމަކީ، ކޭކް ޑެކަރޭޝަންކުރުމުގެ ރޮނގުންނާއި އެދާއިރާއިން ގިނަ ބަޔަކަށް ތަމްރީންދީ އުނަގަންނައިދެމުން ގެންދާ ފަރާތްތަކުގެ ނަންތަކުގެ ތެރެއިން ރާއްޖޭގައި ވަރަށް މަޝްހޫރުވެފައިވާ ނަމެކެވެ.

ޝީރީންގެ އެދުރުގެއިން ދަރިވަރުވި އެތައް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިތްހަމަޖެހިގެން ތިބެ މިރޮނގޮގައި މަސައްކަތްކޮށް، ޢާމްދަނީ ހޯދަމުން އެބަގެންދެއެވެ. އެމީހުންގެ ތެރޭގައި ގިނަ އަންހެން ބޭފުޅުންތަކަކާއި، މަދުންނަމަވެސް ފިރިހެން ބޭފުޅުންކޮޅެއް ހިމެނެއެވެ. އަމިއްލަ ގޭގައާއި، ރިސޯޓުތަކާއި، ބޭކަރީތައް ފަދަ ތަންތަނުގައެވެ.

ރާއްޖޭގެ ދެކުނާއި އުތުރުގައިހިމެނޭ ގިނަ އަތޮޅުތަކަށް ދަތުރުކޮށްފައިވާ ޝީރީން ބުނީ، މަދު އަތޮޅެއް ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ގޮސް، ކޭކް ކޯސް ހިންގާފައި ވާނެކަމަށެވެ. އެކޯސްތަކުގައި ބައިވެރިވެ، އެތަކެއް ސަތޭކަ ކުދިންވަނީ މި މަސައްކަތުގެ ތެރެއަށް ވަދެ، އެކުދިންގެ ދިރިއުޅުމަށް އިތުރު ތަނަވަސްކަން ގެނެސްފައެވެ.

ޝީރީންގެ މަސްއޫލުވެރިކަމުގެ ދަށުގައި، އެފެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަންސް އެންޑް އާޓްސް ގެ ނަމުގައި ރަޖިސްޓްރީކުރެވިގެން މާލޭގައި ކުރިއަށް ގެންދާ އިންސްޓިޓިއުޓުން އެކިފެންވަރުގެ ކޭކް ކޯސް ތައް މިހާރުވެސް ހިންގަމުންދެއެވެ. މީގެ އިތުރުން ޕޭސްޓްރީ ކޯސްތަކެއްވެސް ފަހަކަށް އައިސްވަނީ ތަޢާރަފްކޮށް، ހިންގާދީފައެވެ. އެފެސް އިންސްޓިޓިއުޓުން އެމެރިކާގެ މަޝްހޫރު ވިލްޓަން އިންޓަރނޭޝަނަލް ސްކޫލުގެ ސެޓްފިކެޓް ކޯސްތައް މިހާރުވެސް ހިންގަމުން އެބަދެންދެއެވެ. އަދި، މި އިންސްޓިޓިއުޓުން، އިނގިރޭސި ވިލާތުގެ ކޭ.ޕީ.އެމް. އީ ސްކޫލުގެ ޑިޕޮލޮމާ ކޯސްތައްވެސް ހިންގައިދީ، މާސްޓަރސް ސެޓިފިކެޓްގެ ފެންވަރަށް ބައިވެރިން ތަމްރީންކޮށްދެއެވެ.

ޝީރީންގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އޭނާގެ އުފަންރަށް ސ. ހިތަދޫގައި އެފެސް އިންސްޓިޓިއުޓްގެ ޢިމާރާތެއް ބިނާކުރުމެވެ. އެތައް އަހަރެއް ކުރިން ފެށިގެން ހިތަދޫގައި، އޭނާގެ ދާއިރާގައި މަސައްކަތް ދަސްކޮށްދޭ އިންސްޓިއުޓެއް ހެދުމަށް ބިމެއް ހޯދުމަށް އެދިގެން އޭނާ މަސައްކަތްފެށިއެވެ. ސިޓީތަކަަކާއި އާދޭސްތަކަކަށްފަހު، ބިމެއް ކުއްޔަށް ލިބިގެން، އެފެސް އިންސްޓިޓިއުޓްގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ޝީރީންވަނީ ފަށާފައެވެ.

ޝީރީން ބުނީ މާލޭގައި، ތަނެއް ކުއްޔަށްހިފައިގެން، އިންސްޓިޓިއުޓް ހިންގަމުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް ހޯދި އާމްދަނީއިންނާއި، ޢާއިލާގެ ފަރާތުން އިތުރު އެހީލިބިގެން ދެބުރި ޢިމާރާތެއް ހިތަދޫގައި ހެދުމަށް މަސައްކަތްކޮށް އެޢިމާރާތުގެ ތިރީ ބުރިގައި ދާދި އަވަހަށް ކިޔަވައިދެވޭނެ ފެންވަރަށް އެތަން ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. "މީގެ އެތަކެއް އަހަރު ކުރިން އަޅުގަނޑު ހިތަދޫގެ ހިއްކިބިމުން ބިންކޮޅަކަށް އެދުނިން. އަޅުގަނޑު ބިމަކަށް އެދުނީ އަޅުގަނޑަކީ އައްޑޫގެ ރައްޔިތަކަށްވެފައި، މިފަދަ މަސައްކަތްތަކެއް ކުރަމުންގެންދާ މީހަކަށްވެފައި، ރަށުގައި ކިޔަވައިދޭނެ ތަނެއް ހެދެމަށް. އެކަމަކު ބިންކޮޅެއް ލިބުނީ އެކަމަށް އެދޭތާނ އަހަރުތަކެއް ފަހުން. އެތައް ސިޓީއެއް ލިޔެގެން އެތައް ބަޔަކާއި ބައްދަލުކޮށްގެން. ލިބުނު ބިން ލިބުނީ ކުއްޔަށް އަދި ނިސްބަތުން ކުރުމުއްދަތަކަށް" ކަމަށް ޝީރީން ބުއްޏެވެ.

ޝީރީން ބުނީ، ހިތަދޫގައި އެފެސް އިންސްޓިޓިއުޓްގެ ޢިމާރާތެއް ހަދަން ނިންމީ ބޮޑު ބަދިގެއެއް ހިމަަނައިގެން ފުޅާ ދާއިރާއެއްގައި ކޮންފެކްޝަނަރީ މަސައްކަތްކޮށް، މިރޮނގުގައި ތަމްރީނުދޭ ދިނުން އިތުރަށް ފުޅާކޮށް ގިނަ ބަޔަކަށް ޚިދުމަށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި، އޭނާ ބުނިގޮތުގައި އަލަށް މިހަދާ ތަނުގެ ތިރީ ބައިގައި 30 ކުދިންނަށް އެއްްފަހަރާ ކިޔަވަން ތިބެވޭވަރަށް ޖާގަ ހުންނާނެއެވެ.

ޝީރީނު ވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިންވެސް ކޯސް ހިންގަވައި ކޮންމެ ރަށަކުން އެތައްބަޔަަކަށް ހިލޭ ތަމްރީންދީފަވެ. އަދި އެކިފަހަރު މަތިން ހިންގި ކޯސްތަކުގައި އައްޑޫގެ އެތައް ބަޔަަކު ވަނީ ބައިވެރިވެ، ކޭކް އެޅުމުގެ މަސައްކަތް ދަސްކޮށްފައެވެ.

ޝީރީންގެ އެންމެ ބޮޑު އަމާޒަކީ ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާވެގެން އަންނަ މިދުވަސްވަރު، ގިނަ ބަޔަކަށް ކޭކް ޑެކަރޭޝަންގެ ރޮގުންނާއި އަދި ޕޭސްޓްރީގެ ރޮނގުން މަސައްކަތް ދަސްކޮށްދިނުމެވެ. ކުރިމަގުގައި އެކަމަށް މަގު ފަހިވެގެންދާނީ ހިތަދޫގައި ހުޅުވިގެންދާނެ އެފެސް އިންސްޓިޓިއުޓް ހުޅުވިގެން ދިއުމުންކަމަށް އޭނާ ދެކެއެވެ.

އައްޑޫގައި މިހުޅުވޭ އިންސްޓިޓިއުޓަކީ، މި ސިޓީ އާއި އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކުގެ ގިނަ އަންހެން ބޭފުޅުންތަކެއްގެ ކުރިމަގު އުޖާލާކޮށްލާނެ އިންސްޓިޓިއުޓެއް ކަމާމެދު ޝައްކެތްނެތެވެ!