އަނެއްކާ ވެސް ސ. ގަމަށް ދާން އޮންނަ ފާލަން މަތީގައި ހަދާފައި ހުރި ގިޑިގެ އަރި އަޅާލާފައި އޮންނަ ވާހަކައެވެ. އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ހައުސިން މިނިސްޓްރީގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ.
ދަނގަޑު ފްރޭމެއްގައި ފިލާ ޖަހައިގެން ހަދާފައިވާ ގިޑިގެ އަރި އަޅާލާފައި ވާއިރު އޭގެ ބައެއް ބައިތައް މަގުމައްޗަށް ވަނީ ވެއްޓިފައެވެ. ކަންބޮޑުވުން އޮތީ ރައްޔިތުންނާއި ހިސާބުގައެވެ. ވެރިންގެ ކަންބޮޑުވުމެއް އެކަމުގައި ނެތެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެމްއާރްޑީސީގެ އޮފިޝަލަކު ބުނި ގޮތުގައި، ގިޑިގެ އެތަނުން ނަގައި ދިނުމަށް އެދި ހައުސިން މިނިސްޓްރީ އިން މިހާތަނަށް އެދިފައި ނުވާކަމަށެވެ. ހައުސިން މިނިސްޓްރީ އިން އެކަމަށް އެދިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް ނެތް ރިކުއެސްޓެއް ލިބިފައެއް. ލިބުނީމަ އެކަން ކުރާނީ. މިހާތަނަށް ހައުސިން އިން ނެތް އަންގާފައެއް."
ގަން ފާލަމަކީ ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ދަތުރުކުރާ ފާލަމެކެވެ. އެ ފާލަން މަތީގައި އަރި އަޅާލާފައި ހުރި ގިޑިގެއެއް ހުރުމަކީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރި ބިރެކެވެ.