ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް، އަބްދުﷲ ޔާމީން ހައްޔަރުކޮށް އާރަށުގައި ބަހައްޓާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ކުރި ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި އަމީން ފައިސަލްގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވެފައިވަނީ ދައުވާގައި ބުނެވިފައިވާ ޓެރަރިޒަމްގެ އަމަލެއް އަމީން ފައިސަލް ހިންގާފައިނުވާ ކަމަށާއި އެދައުވާއަށް އިންކާރުކުރާ ކަމަށެވެ.
އަދި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މިއަދު ލިބިފައިވާތީ ހަސީން ވަނީ ތަފްސީލުކޮށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. މިއެދިވަޑައިގަތުމާއި އެއްގޮތަށް ގާޒީ ވަނީ ތައްޔާރުވުމަށް 15 ދުވަސް ދެއްވާފައެވެ.
ގާޒީ ބުނެފައިވަނީ ދެން އޮންނަ އަޑުއެހުމުގައި ތަފްސީލީ ޖަވާބުދާރީއެއް އަރުވަން ޖެހޭނެ ކަމަށެވެ. އަދި ދެފަރާތުގެ ހެކިންވެސް އަޑުއެހުމުގައި ހުށައެޅުމަށް ގާޒީ ވަނީ އަމުރުކޮށްފައެވެ.
ދައުލަތުގެ ވަކީލާ ދައުވާގައި ބުނެފައިވަނީ ޖުލައި 14 2010 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ވަނީ އޭނާގެ މިނިވަންކަން ނެގޭ ގޮތަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ޖުލައި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ޔާމީން ހުރީ އާރަށުގައި ހައްޔަރުކޮށްފައި ކަމަށް ދައުވާ ގައި ބުނެފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި އަމީން ފައިސަލްގެ ވަކީލު ވަނީ އޭނާ އަކީ ހިތުގެ ބަލި ހުންނަ މީހަކަށް ވާތީ ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވައިދިނުމަށް ކޯޓުގައި އެދިފައެވެ. އަދި ސިއްހީ ލިޔެކިޔުންތައް ކޯޓަށް ހުށައެޅުމުން ގާޒީ ބުނެފައިވަނީ އިދާރީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.