އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށައަޅައިފިއެވެ.
އެމްޑީޕީއިން ސުޕްރީމް ކޯޓު ބެންޗާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދިފައިވަނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފަނޑިޔާރުކަން ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ.
ވ.ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ސޮއި ކުރަން ދައުލަތުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ގާޒީ މަރިޔަމް ވަހީދު ހުކުމް ކުރުމުން ސުޕްރީމް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގާޒީ މަރިޔަމް ވަހީދަށް އެއްވެސް ކޯޓެއްގައި ހުކުމް ކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް އަމުރުކޮށްފައެވެ. ނަމަވެސް އެ އަމުރުގައި ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ ސޮޔެއް ނެތެވެ.
އެމްޑީޕީއިން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފަސް ފަނޑިޔާރުންގެ ވެސް އަމަލު ހުރީ ގާނޫނާއި ޚިލާފަށް ކަމަށެވެ. އަދި ފަނޑިޔާރުން ގާނޫނާއި ޚިލާފުވުމުން ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތެއް އެއް ފަނޑިޔާރަކަށް އަނެއް ފަނޑިޔާރަކާއި ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށްވެސް އެމްޑީޕީއިން ވަނީ ފާހަގަކޮށް ޖޭއެސްސީގެ ނައިބު ރައީސަށް ފޮނުވި ސިޓީގައި ލިޔެފައެވެ.