Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

ކާޑުން ޓެކްސީ އަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ޓެކްސީއެއްގައި ކާޑް މެޝިން ބޭނުންކުރަނީ: ފޮޓޯ - ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ޓެކްސީތަކަށް ފައިސާ ދެއްކުމަށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ.

މިއަދު މާލޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި މިޚިދުމަތް ތައާރަފް ކޮށްފައިވަނީ "ބީއެމްއެލް ކޭޝްލްސް ރައިޑް"ގެ ނަމުގައެވެ. ޚިދުމަތް ތައާރަފް ކޮށްދެއްވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ރަސްމިއްޔާތަށް ވަޑައިގަތް ޓެކްސީއަށް ކާޑުން ފައިސާ ދައްކާފައެވެ.

ޝަރީފް ވިދާޅުވީ މިހާރު ފަސް ޓެކްސީއަކުން ކާޑް މެޝިން ބޭނުންކޮށްގެން ފައިސާ ދެއްކޭނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެކްސީ ސެންޓަރުތަކުގެ ކާރުތަކުގައިވެސް ކާޑު މެޝިން ބެހެއްޓި އާންމުންނަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވެފައިވަނީ ފައިސާ ވޮލެޓުގައި ބެހެއްޓުމުގެ ބަދަލުގައި މިޚިދުމަތާއެކު ޓެކްސީ ދަތުރެއްވެސް ކާޑު އޮތްނަމަ ފަސޭހަކަމާއެކު ކޮށްލެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ދަށުން އާންމުންނަށް ބޮޑެތި ލުއިތަކެއް ލިއްބައިދޭ ގިނަ ޚިދުމަތްތަކެއް ތައާރަފްކޮށްފިއެވެ. މިއަދު ތައާރަފްކުރި މިޚިދުމަތާއެކު ބީއެމްއެލްގެ ކޮންމެ ކާޑަކުންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެއެވެ. އަދި ފައިސާ ދެއްކުމާއެކު ރަސީދެއް ލިބިގެން ދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ވެސް ބީއެމްއެލް އިން ފޯރުކޮށްދެ އެވެ.