Last Updated: April 26, 23:00
Friday, April 26, 2024
ރިޕޯޓް

ޑައިޓް ކުރިޔަސް ނުހިކެނީ ކީއްވެ؟

އިންސާނުންގެ ތެރެއިން ގިނަ ބަޔަކަކީ ރީތި ސިފައެއް ކަމަށް އަނަރޫފަ ނުވިޔަސް ހިކި ކަމަށް ދެކޭ މީހުންނެވެ. އެހެންވެ ބަރުދަން ކުޑަކޮށް އިތުރުވެއްޖެ ނަމަ ކެއުމަށް ބަދަލުތަކެއް ގެނެސް 'ސިއްހަތަށް ރަނގަޅު' ޑައިޓް ޕްލޭނެއް ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ.

ނަމަވެސް ގިނަ ފަހަރު ދިމާވާ މައްސަލައަކީ މަސް ދެމަސް ވާއިރުވެސް ބަރުދަނަށް ބަދަލެއް ނައުމެވެ. ސައިންޓިސްޓުން ބުނާގޮތުގައި މިހެންވި ނަމަވެސް ޑައިޓު ކުރުން ހުއްޓާނުލުން ރަނގަޅު ކަމަށެވެ. އެއީ އެއްވެސް ކަމެއް ނުކޮށް ފަލަކޮށް ތިބޭ މީހުންނަށްވުރެ ޑައިޓުކޮށް އުޅޭ މީހުން ސިއްހީ ގޮތުން މާ ދުޅަހެޔޮ ކަމަށްވާތީއެވެ.

ޔުނިވާސިޓީ އޮފް އަލަބާމާގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޑޭވިޑް އެލިސަން ބުނެފައިވަނީ ޑައިޓުކޮށް އުޅޭ މީހުންނަކީ ޑައިޓުނުކޮށް އުމުރުގެ ބޮޑުބައި ފަލަކޮށް އުޅޭ މީހުންނަށްވުރެ ގިނަ ދުވަހު ދިރިއުޅޭ މީހުންކަމަށެވެ. އެހެންކަމުން ހިކި ނުވިޔަސް ހަށިގަނޑަށް ގެއްލުންވާ ވަރަށް އެއްޗެހި ކެއުން މަތީ ދެމިތިބުމުގެ ބަދަލުގައި ސިއްހަތަށް ރަނގަޅު ޑައިޓް ޕްލޭނެއް ގެންގުޅުމަކީ ރަނގަޅު ކަމެކެވެ.

ސައިންޓިސްޓުން ބުނާގޮތުގައި ޑައިޓްކުރުމަށްވުރެ ބަރުދަން ލުއިކުރުމަށް ރަނގަޅު ގޮތަކީ ކަސްރަތު ކުރުމެވެ. އެގޮތުން ގަވާއިދުން ފަތަން ދިއުމަކީ ހަށިގަނޑު ރީތިވެ، ސިއްހަތު ރަނގަޅު ވުމަށް އޮތް މަގެއް ކަމަށް ރިސާޗަރުންނާއި ކުޅިވަރުގެ މާހިރުން ބުނެފައިވެއެވެ. ދުވަން ދިއުމާއި ހިނގަން ދިއުމަކީވެސް ހިކެން އޮތް ރަނގަޅު ފުރުސަތެކެވެ. ނަމަވެސް މިފަދަ ކަސްރަތަކީ ގަވާއިދުން ކުރުން މުހިއްމު ކަންތަކެވެ.

ޖިމަށް ދާ ބޭފުޅުން ޖިމް ޖައްސަމުން ޑައިޓު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އިންސްޓްރަކްޓަރުން މައުލޫމާތު ދީފައިވެއެވެ. އަދި ޖިމް ޖައްސާ ބޭފުޅުން ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ.