Last Updated: March 29, 10:36
Friday, March 29, 2024
ރިޕޯޓް

ވަޓްސްއެޕް ވެސް ސްނެޕްޗެޓް ކޮޕީކޮށްލީ؟

ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް މީޑިޔާ ނެޓްވޯކް، ފޭސްބުކް އިން 2013 ވަނަ އަހަރު 3 ބިލިއަން އެމެރިކާ ޑޮލަރު ސްނެޕްޗެޓްގެ ބާނީ، އެވަން ސްޕީގެލްއަށް ހުށައެޅިއެވެ. ނަމަވެސް ސްޕީގެލް ވަނީ ފޭސްބުކްގެ ހުށައެޅުން އަނބުރާ ފޮނުވާލާފައެވެ.

އޭގެފަހުން ފޭސްބުކްގެ އެޕްތައް، އިންސްޓަގްރާމް އަދި މެސެންޖާއިން ވަނީ ސްނެޕްޗެޓްގެ ފީޗާއެއް ކަމަށްވާ 'ސްޓޯރީ' ދެއެޕަށްވެސް ތައާރަފްކޮށްފައެވެ. ދުވަހުގައި ހިނގާ ކުޑަކުޑަ ކަންތައް 10 ސިކުންތުގެ ވީޑިއޯ ނުވަތަ ފޮޓޯއެއްގެ ގޮތުގައި ނަގައި ސްޓޯރީއަށް ލެވޭ ގޮތަށް ސްނެޕްޗެޓުން ތައާރަފްކުރުމުން އެންމެ ފުރަތަމަ އެއާއި ވައްތަރު އެއްޗެއް ގެނެސްފައިވަނީ އިންސްޓަގްރާމްއެވެ.

އިންސްޓައަށް ފަހުން މެސެންޖާވެސް ހަމަ އެފަދަ ފީޗާއެއް ގެނެސްފައިވާއިރު އެންމެ ފަހަކަށް ވަޓްސްއަޕުންވެސް ވަނީ 'ސްޓޭޓަސް' ގެ ނަމުގައި ސްނެޕްޗެޓްގް ސްޓޯރީ ފީޗާއާއި ވައްތަރު އެއްޗެއް ތައާރަފްކޮށްފައެވެ.

އަލަށް ތައާރަފްކުރި މިފީޗާއިން ވަޓްސްއަޕް ބޭނުން ކުރާ ފަރާތްތަކަށް ސްޓެޓަސްގައި ފޮޓޯ، ޖީއައިއެފް އަދި ވީޑިއޯވެސް ލެވޭގޮތަށް ހުރެއެވެ. ނަމަވެސް ސްޓެޓަސްއަށް ލެވޭ އެއްޗެހި ސްނެޕް ސްޓޯރީ ފަދައިން 24 ގަޑިއިރަށްފަހު ފޮހެވިގެންދެއެވެ.

ގިނަ ބަޔަކު ފޭސްބުކްއަށް މިކަމާއި ގުޅިގެން ފާޑުކިޔާފައިވާއިރު ވަޓްސްއެޕް އިން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ފޭސްބުކް އިން އިންސްޓަ ގަނެފައިވަނީ 2012 ވަނަ އަހަރު އެއް ބިލިއަން އެމެރިކާ ޑޮލަރަށެވެ. އަދި ވަޓްސްއެޕް ގަނެފައިވަނީ 19 ބިލިއަން އެމެރިކާ ޑޮލަރަށެވެ.