Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

މަހްލޫފް އަނެއްކާ ވެސް ފަރުވާ އަށް ބޭރަށް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަނެއްކާވެސް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް، އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.

މަހުލޫފްގެ ބައްޕައާއި ހަވާލާދީ 'ސަން' އިން ރިޕޯޓުކޮށްފައިވާ ގޮތުން މަހްލޫފް އިންޑިޔާ އަށް ފުރާވަޑައިގަތީ ކަރެކްޝަންލް ސާވިސްގެ ހުއްދައާއެކު މިއަދު މެންދުރުގައެވެ.

އެލާޖިކް މައްސަލައެއްގައި މަހްލޫފް ވަނީ ކުރިންވެސް އިންޑިޔާއަށް ގޮސް ބޭސް ފަރުވާ ކޮށްފައެވެ. ކަރެކްޝަނަލް ސާވިސް އިން މިފަހަރު މަހުލޫފަށް ބޭސް ފަރުވާއަށް ދީފައިވަނީ ހަތް ދުވަހުގެ މުހުލަތެކެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަން ސާބިތުވެ ދެހުކުމެއް ކުރެވިފައިވާ މަހްލޫފް ވަނީ ޖަލުގެ ގޮޅީގައި ހުންނަވައިގެންވެސް ގައުމުގެ ހާލަތު ބަލައި ނޫސްބަޔާން މެދުވެރިކޮށް އޭނާގެ ޚިޔާލު ފާޅުކުރަމުންނެވެ.