Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

މޯލްޑިވިއަންގެ ބޮޑު ބޯޓު މާދަމާ ގަމަށް ދަތުރުފަށަނީ

އަލިލެންޑް އޭވިއޭޝަނުން އަލަށް ގެނައި އެއާބަސް އޭ 320 ބޯޓުގެ ދަތުރުތައް މާދަމާ ގަމަށް ދަތުރުފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އައިއޭއެސްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އެ އެއާލައިންގެ އެންމެ ބޮޑު ބޯޓުގެ ދަތުރުތައް ގަމަށް ފަށަން ނިންމީ މިދުވަސްވަރު އައްޑު އަށް ގިނަ އަދަދެއްގެ ދިވެހިންނާއި ޓޫރިސްޓުން އުފުލަން ޖެހިފައިވާތީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެއާބަސްގައި ދަތުރުފެށި ނަމަވެސް ޓިކެޓްގެ އަގަށް ބަދަލުގެނެސްފައި ނުވާ ކަމަށެވެ.

152 މީހުންގެ ޖާގައިގެ އޭ 320ގެ ބޯޓު ޑޮމެސްޓިކްގައި ބޭނުން ކުރާ ފުރަތަމަ ފަހަރުކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އެއާބަސް ބޯޓުގެ ފުރަތަމަ ދަތުރުފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00 ގަ އެވެ. އަދި އެ ބޯޓު އެބުރި މާލެ އައުމަށް ފުރާނީ ރޭގަނޑު 7:00ގަ އެވެ. މިދަތުރަށް ހޭދަވާނީ 55 މިނެޓް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން އެންމެ ގިނަ ފްލައިޓް މިހާރު ބާއްވަމުން އަންނަނީ މާލެ އާއި އައްޑު އާއި ދެމެދުއެވެ. އެގޮތުން އެވްރެޖްކޮށް ދުވަލަކު 5 ފްލައިޓް އެ އެއާލައިނުން އަންނަނީ ބާއްވަމުންނެވެ.