އައްޑޫ ސިޓީ ކައުންސިލުން އެދިގެން ސިވިލް ސާވިސް ކަމިޝަނުން އެ ކައުންސިލްގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްފައިވާކަމަށް ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ އޮޑިޓް ކުރުމަށް ފަހު އެކަމާއި ގުޅޭ ރިޕޯޓުން ގިނަ ކަންތައް ތަކެއް ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން ކައުންސިލުން މިހާތަނަށް ކުރެވިފައިވާ ކަންކަމާއި، ނުކުރެވި ހުރިކަންކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ނުކުރެވި ހުުރި ކަންކަން ނުވެ ހުރުމަށް ދިމާވި މައިގަޑު ސަބަބުތަށް ދެނެގަނެވިފައިވާކަމަށެވެ.
ކައުންސިލުން ބުނީ އެ އިދާރާގައި މިހާރު 300 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ އިރު އޭގެ ތެރެއިން 52 އިން ސައްތަ މުވައްޒަފުންނަކީ އެއްވެސް ކަހަލަ ތަޖްރިބާއެއް ނެތް މުވައްޒަފުން ކަމަށެވެ. އަދި ކައުންސިލްގައި ތިބީ ޑިގްރީ ފެންވަރަށް ކިޔަވަައިގެން ތިބީ ވިއްސަކަށް މުވައްޒަފުން ކަމަށެވެ. އަދި މީ ހިދްމަތް ދިނުމުގައި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މިވަގުތުވެސް އެކައުންސިލްގެ ޖެނެރަލް ސެކްރެޓަރީއެއް ނެތް ކަމަށާއި ކޮންމެހެން އުފައްދަން ޖެހޭ ހަ މަގާމެއް އަދިވެސް އުފެއްދިފައިނުވާ ކަމަށެވެ. އަދި ވަޒީފާ ހޯދުމަށް އިއްލާންކުރުމުން ގާބިލް މީހުން ނުލިބޭކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލާއި ސިވިލް ސާވިސް ކަމިޝަނުން ހިންގި އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުން ކައުންސިލުން ބުނީ މިފަދަ އޮޑިޓެއްގެ ސަބަބުން ކައުންސިލްގެ ހިންގުން ހަރުދަނާކޮށް ކަންކަން ބައްޓަން ކުރުމުގައި ކައުންސިލަށާއި، ސިވިލްސާއިސް ކޮމިޝަން އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށްވެސް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މީ މިގޮތަށް ކުރެވުނު ފުރަތަމަ އޮޑިޓް ކަމަށްވެސް ކައުންސިލުން ބުނެއެވެ.