Last Updated: April 26, 06:56
Friday, April 26, 2024
ސިޔާސީ

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓިތާ މަސް ދުވަސް

ފޮޓޯ - ވީނިއުސް

އަދާލަތް ޕާޓީގެ ކައުންސިލް މެމްބަރު އަދި އިދިކޮޅު އިއްތިހާދު އިސް އެކްޓިވިސްޓެއް ކަމަށްވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިތާ މަސްދުވަސް ވާން ކައިރިވީއިރުވެސް ހިފެހެއްޓި ސަބަބެއް އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އޭނާ އަމިއްލަ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުރުމަށްފަހު އެނބުރިއައި ތަނާ ޕާސްޕޯޓް ހިފަހައްޓައި އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހުގައި ބައިގަޑިއިރު ބައިންދާފައިވެއެވެ.

އޭރުވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އެއްވެސް ފަރާތަކުން ބުނެފައިނުވާކަމަށާއި މިހާތަނަށްވެސް އެއްވެސް އިދާރާއަކުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް ހާމަކޮށްފައި ނުވާކަމަށް މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިދާތާ ބުނެފައިވެއެވެ.

ޕާސްޕޯޓް ހިފަހައްޓަމުން އިމިގްރޭޝަނުން ދިން ކޯޓު އަމުރަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށްވެފައި އެކޯޓަށް ޕާސްޕޯޓް ހިފެހެއްޓި ސަބަބު ހޯދުމަށް އެދުމުން ކޯޓުން ބުނެފައިވަނީ އެއީ ފުލުހުންގެ ފަރާތުން އެދުމުން ދިން އަމުރެއް ކަމަށް ޝިދާތާގެ ވަކީލު އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ކައިރިން ކުށުގެ ރެކޯޑެއް އޮތްތޯ އަދި މައްސަލައެއް ބަލަމުންދާ ކަމުގެ ރެކޯޑެއް އޮތްތޯ ބެލިއިރު އެއްވެސް ރެކޯޑެއް ނެތް ކަމަށާއި ސަބަބަކާއި ނުލާ ޝިދާތާގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ސަރުކާރުން އޭނާގެ ހައްގަށް އަރައިގަތުން ކަމަށް އަލީ ވަނީ ސިފަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އަދާލަތު ޕާޓީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއީ އަންހެން ސިޔާސީ ލީޑަރުން އުފައްދަން އަދާލަތުން ކުރާ މަސައްކަތް ފުނޑުފުނޑުކޮށްލަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ސަބަބަކާއި ނުލާ ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ވުން އެޕާޓީއިން ވަނީ ކުއްވެރިކޮށްފައެވެ.