Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

ފ. އަތޮޅުގައި މީހުން ދިރިއުޅޭނެ: ޚަލީލް

ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް: ފޮޯޓޯ - މިހާރު

ފ.އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއުތައް ހިންގިނަމަވެސް އެއަތޮޅުގެ ރައްޔިތުން އަތޮޅުން ބާނުލާނެ ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރު މިއަދު ވިދާޅުވެފައިވަނީ ތަރައްގީގެ މަޝްރޫއު ހިންގިއަސް އެއަތޮޅަކީ ދިވެހި ރާއްޖޭގެ އަތޮޅެއް ކަމަށާއި އަތޮޅު އޮންނާނީ ރާއްޖޭގެ ސިޔާދަތުގެ ދަށުގައި ކަމަށެވެ.

އަދި އެތަނުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ރާއްޖޭގެ ގާނޫނާއި ޚިލާފަށް ބޭރު ގައުމަކަށް ވިއްކާލައިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ނޫން ކަމަށާއި ސަރުކާރުން ގާނޫނާއި ޚިލާފު ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ މިފަދަ ސިޔާސަތުތަކާއި ދެކޮޅު ހަދަނީ ވެރިކަން ބޭނުންވެގެން އުޅޭ މީހުންތަކެއް ހަސަދަވެރިވެގެން ކަމަށްބުނެ ޚަލީލް ވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާ ފޮނުވާފައެވެ.

އަންނަ މަހުގައި ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރާ ދަތުރުގައި ފ.އަތޮޅު ވިއްކާލަން އުޅޭ ވާހަކައަކީ މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައެވެ. މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ މިވާހަކަތައް ސާފުކޮށް އެއަތޮޅުގެ ރައްޔިތުންނަށާއި ރާއްޖޭގެ ރައްޔިތުނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.