ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތަކާއި ވަކިވަކިން އިންޓަވިއު ކުރަން ޖެހި ދާނެ ކަމަށް ފްލެޓްގެ ކަންކަން އިވެލުއޭޓް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކޮމެޓީން ބުނެފިއެވެ.
ކޮމެޓީން ބުނީ މިހާރު ފޯމުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި ކައުންސިލުން ފްލެޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު ހަމަވުމުން ބާކީ ހުރި ފޯމުތަކުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރު އިންޓަވިއުއަކަށް ދާން ޖެހިދާނެ ކަމަށެވެ.
ކޮމެޓީން ބުނީ މިފަދަ ގޮތަކަށް އިންޓަވިއުއަކަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ހުޅުވާލެވިފައިވާ ގޮތަކަށް މިކަން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މީ މިކަން މާލޭގައި ވެސް ކުރިއަށް ގެންދާ ގޮތް ކަމަށް ކޮމެޓީން ބުންޏެވެ.
ފޭދޫ ހައުސިން ޔުނިޓްތަކުގެ ގުރުއަތުލުން ދެފަހަރަށް ވަނީ ލަސްކޮށްފައެވެ. އެގޮތުން ފާއިތު ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން އޮތް ގުރުއަތުލުން ވަގުތު ކުޑަތަންވެފައި ވަނިކޮށް ކައުންސިލުން ވަނީ ކެންސަލް ކޮށްފަ އެވެ.
އަދި ފްލެޓްތަކާއި ގުޅޭގޮތުން އާއްމުންގެ ގިނަ ޝަކުވާތަކެއް ހުރުމުގެ ސަބަބުން އެ ޝަކުވާ ހުށަހެޅުމަށް ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ފޭދޫގެ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް އެދި ހުޅުވާލި ދެވަނަ ފުރުސަތުގައި 339 ފަރާތަކުންވަނީ ކުރިމަތިލާފައެވެ. އަދި ޝަރުޠު ފުރިހަމަވެގެން ގުރުއަތުލުމަށް 224 ފަރާތެއް ކޮލިފައިވެފައިވާ ކަމަށް ކައުންސިލުން އާއްމުކުރި ލިސްޓުން ދައްކައެވެ.
ފޭދޫ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން 23 މީހުންގެ ސޮއި ހިމެނޭ ޕެޓިޝަނެއް ވަނީ އޭސީސީއަށާއި ހައުސިން މިނިސްޓްރީއަށް ވަނީ ހުށަހެޅިފަ އެވެ.
މި މައްސަލަ މިގޮތަށް އޮތް އިރު ހައުސިން ޔުނިޓްތަކަށް ބޮޑެތި ގެއްލުން ދެމުންދާ ކަމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.