އައިސްލޭންޑުގެ ރައީސް އެގައުމުގައި ޕިއްޒާ ހަދާއިރު އަލަނާސި ފޮތިފޮތި ޕިއްޒާއަށް އެޅުން މަނާކުރަން ބޭނުންވާ ކަމަށް ބުނެފިއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިޔާގައި ވަރަށް ބޮޑު ބަހުސަކަށް ވެފައިވާ އަލަނާސި ޕިއްޒާގައި ބޭނުންކުރާ މައުޟޫއަށް ބަހެއް ނުބުނެ އައިސްލެންޑުގެ ރައީސަށްވެސް ނުހުރެވުނެވެ.
އެގައުމުގެ ހައިސްކޫލަކަށް ރައީސް ޖޮހޭނެސަން ކުރެއްވި ދަތުރެއްގައި އޭނާގެ ވާހަކަ ނިންމަވާލައްވަމުން ކުދިންނަށް ސުވާލުކުރުމަށް ހުށައެޅުމުން އެއް ކުއްޖަކު ކުރި ސުވާލަކީ ޕިއްޒާ ޓޮޕިންގ އެއްގެ ގޮތުގައި އަލާނާސި ބޭނުންކުރުމާއި ދޭތެރޭ ރައީސްގެ ޚިޔާލަކީ ކޮބައިތޯއެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ޕިއްޒާގައި އަލަނާސީ ބޭނުންކުރުން މަނާ ކުރުމަކީ އޭނާގެ ވިސްނުންފުޅުގައި ހުރި ކަމެއް ކަމަށެވެ. ރައީސްގެ މިނިންމުމަށް އެގައުމުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ރާއްޖޭގެ ސޯޝަލް މީޑިޔާ ބަހުސްތަކަށް ބަލާއިރު އަލާނާސި އަކީ ޕިއްޒާއާއި އެއްވެސް ގޮތަކަށް ގުޅޭ އެއްޗެއް ނޫން ކަމަށް ފާހަގަކުރެވެއެވެ. ގިނަ ބަޔަކަށް ފޮނި ރަހައެއް ޕިއްޒާއިން ކަމުނުދެއެވެ.