Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ރޫނީ ޗައިނާ ލީގާ ގުޅުމަކީ ދުރު ކަމެއް

އިނގިރޭސި އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ ކުލަބުގެ ރެކޯޑު ގޯލް ސްކޯރާގެ މަގާމު ހާސިލުކުރުމަށް ފަހު ކުލަބު ދޫކޮށް ޗައިނާ ލީގާއި ގުޅުމަކީ މިސީޒަނުގައި ދުރުކަމެއް ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފިއެވެ.

ޗައިނާ ލީގުގެ ޓިއަންޖިން ކުއަންޖިއަންގެ ކޯޗު ފަބިއޯ ކަނަވާރޯ ބުނެފައިވަނީ ރޫނީ ހޯދަން މަސައްކަތް ކުރި ނަމަވެސް ޑީލު ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.

ޗައިނާ ލީގު ޓްރާންސްފާ ވިންޑޯ ނިމޭނީ ފެބްރުއަރީ ފަހު ދުވަހު ކަމަށްވުމާއެކު ގިނަ ބަޔަކު ދަނީ ރޫނީގެ މެޗެއް ފަހަކަށް އައިސް ފެނިގެން ގޮސްފައިނުވާތީ އޭނާ ޗައިނާ ލީގަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކުރަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯއާއި ރޫނީގެ ޓްރާންސްފާއާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ކުލަބުގެ ތަރިން ގަދަކަމުން ކުލަބުން ބޭރު ނުކުރާނެ ކަމަށާއި ރޫނީގެ ކުރިމަގު އެނގޭނީ އޭނާއަށް އެކަނި ކަމަށެވެ.

މޮރީނިއޯގެ ވެސް އެކަން ދޮގުކޮށްފައިނުވާތީ މެންޗެސްޓާ ޔުނައިޓެޑުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ރޫނީ ކުލަބު ދޫކޮށް ދާނެ ކަމަށް ނިންމައި ހިތާމަ ފާޅުކުރަމުންނެވެ.

އުމުރުން 18 އަހަރުގައި ކުލަބާއި ގުޅުނު ރޫނީ ވަނީ 13 އަހަރު ދުވަހު ކުލަބުގައި ހޭދަކޮށް 5 ޕްރިމިއާ ލީގު ތަށްޓާއި ކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ.