Last Updated: April 25, 22:42
Friday, April 26, 2024
ސިޔާސީ

ފައިސަލް ވަކި ކުރުމުން އައިބީ އަށް ފާޑު ކިޔުންތަކެއް

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމުން މުހައްމަދު ފައިސަލް ވަކިކުރުމާއި ގުޅިގެން، ފޭދޫ ދާއިރާއަށް ނިސްބަތްވާ ޕީޕީއެމް މެންބަރުންގެ ނުރުހުން އެދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީއަށް އަމާޒުވެއްޖެއެވެ.

ފައިސަލް މަގާމުން ވަކި ކުރި ކަމުގެ ޚަބަރާއި އެކު، ދާއިރާގެ މަޖިލިސް މެންބަރަށް އެންމެ ފުރަތަމަ ބަހުގެ ހަމަލާތަކެއް ފޮނުވާލީ ފައިސަލްގެ އަނބިކަނބަލުން އީނާ ނަސީރެވެ.

ފޭދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އީނާ ވަނީ، ފައިސަލް ވަކި ކުރުމުން ޓްވިޓަރގައި މެންބަރ އިބްރާހިމް ދީދީ އަށް ވަރަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. އީނާގެ ޓްވީޓްގައި ފައިސަލް ވަކި ކުރުމުން އައިބީއަށް ޝުކުރު އަދާ ކުރާކަމަށް ބުނެފައެވެ.


ފޭދޫގައި ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފަރާތަކުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި ފައިސަލް މަގާމުން ވަކިކޮށްފައި ވަނީ މެންބަރ އިބްރާހިމްދީދީ އާއި ދެމެދު އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"ރައްޔިތުންނާއި ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް. އެކަމަކު މި ދޭތެރެއަކުން އައިބީ އާއި މައްސަލަތަކެއް ޖެހުނު ކަމަށް ވާހަކަ ދެކެވޭ. ބޮޑަށް ބެލެވެނީ އޭގެ އަސަރުކަމަށް."

ޕީޕީއެމްއަށް ތާއީދު ކުރާ ފޭދޫގެ ބައެއް ރައްޔިތުން ވަނީ ފައިސަލް މަގާމުން ވަކި ކުރުމަކީ ސީދާ އައިބީ އަޑީގައި ހުންނަވައިގެން ހިންގަވާފައިވާ "ޖަރީމާ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ، ފައިސަލް މަގާމުން ވަކިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ފައިސަލް ކުރައްވާފައެއް ނުވެއެވެ. މަގާމުން ވަކިކުރި ފަހުން ފައިސަލް އޭނާގެ ފޭސްބުކްގައި ބުނެފައި ވަނީ، އެއްވެސް މީހެއްގެ އަޅެއްގެ ގޮތުގައި ނުހުންނާނެ ކަމަށް ބުނެފައެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބް(ޓޮމް) ވެސް ވަނީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަކަށް ހުންނަވައި ފައިސަލް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޓޮމް ވިދާޅުވި ގޮތުގައި ފައިސަލް ވަނީ ކުރުމުއްދަތެއް ގާބިލްކަން ދައްކަވާފައެވެ.

ފައިސަލް މަގާމުން ވަކިކުރުމުގެ ފަހަތުގައި ވަނީ ދާއިރާގެ މަޖިލިސް މެންބަރުގެ ނުފޫޒު ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ތުހުމަތުކޮށްފައިވާއިރު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން އައިބީ ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.

އައިބީ ވިދާޅުވި ގޮތުގައި، ފައިސަލް މަގާމުން ވަކި ކުރުމުގައި އެބޭފުޅާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

"މަގާމުން މީހުން ވަކި ކުރަނީ އެ މަގާމު ދޭ ފަރާތުން. ކޮންމެ މީހަކު ވިޔަސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމުގައި ވަންޏާ އެ މަގާމުން ވަކި ކުރާނެ" އައިބީ ވިދާޅުވިއެވެ.

ފައިސަލް މަގާމުން ވަކިކޮށްފައި ވަނީ، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާތީ ކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެން އައިބީ ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ފައިސަލް 2019 ގައި ވާދަކުރާ ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. މިވަގުތު އަޅުގަނޑުގެ ވިސްނުން މިހިރީ 2017 އަދި 2018 އިންތިޚާބަށް، 2019 ގައި ވާދަ ކުރާނެ ބޭފުޅެއް ނިންމާނީ ވެސް ޕާޓީގެ ޕްރައިމަރީ އަކުން ދެއްތޯ." އައިބީ ވިދާޅުވިއެވެ.