Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ތުރުކީގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ތުރުކީގެ އިސްތަންބޫލް ގައި އޮންނަ އެ މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 18 އިން 28 އަށް ކަމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ވެއެވެ.

އަދި އެ މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ލިބިފައިވުމުން، މުބާރާތުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.

އެގޮތުން މުބާރާތުގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ރާއްޖެއިން ބައިވެރި ވާނީ ދެ ގޮތްޕެއްގައެވެ. އަދި މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރި ވެވޭނީ އެންމެ ބައިވެރިއަކަށެވެ.

އެ ދެ ގޮތްޕަކީ ތިލާވާ (މުޅި ޤުރުއާން) ތަޖުވީދުގެ ހަމަތަކާއިއެކު ކިޔެވުމުގެ ގޮތްޕާއި، ޙިފްޡް (މުޅި ޤުރުއާން) ތަޖުވީދުދެ ހަމަތަކާއިއެކު ކިޔެވުމުގެ ގޮތްޕެވެ. މުބާރާތުގައި ބައިވެރި ވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކަށެވެ. އަދި އެމީހަކީ އިންޓަނޭޝަނަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކެޓަގަރީގައި އެއް ވަނަ ހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެމީހަކީ އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއް ކަމުގައި ނުވުމަކީ މުބާރާތުގެ ޝަރުތެކެވެ.

އެހެންކަމުން އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މާޗު މަހުގެ 09 ވަނަ ދުވަސްވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދި ސިޓީ އާއި ވަނަވަރު، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ފޮނުވުމަށް އެ މަރުކަޒުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

މިއީ އިސްތަންބޫލް ގައި ބާއްވާ އެފަދަ ފަސްވަނަ ޤުރުއާން މުބާރާތެވެ.