Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ނޫހުގެފާނުގެ ނައުކޮޅާއި ޕީޕީއެމް އެއްގޮތް ނުކުރެވޭނެ: ޑރ. އިޔާޒު

ނޫހުގެފާނުގެ ނައުކޮޅާއި ޕީޕީއެމްގެ އޮޑި އެއްގޮތް ނުކުރެވޭނެ ކަމަށާއި އެފަދަ ވާހަކަތައް މަހުލޫގުންނަށް ނުދެއްކޭނެ ކަމަށް ދީނީ އިލުމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބުދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިގޮތަށް ވިދާޅުވެފައި ވަނީ އިއްޔެ ސްޓެލްކޯގައި ބޭއްވި އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ވާހަކަ އަކަށް ރައްދު ދެއްވަމުންނެވެ.

" ހަމަގައިމު ވެސް ނޫހުގެފާނުގެ ނާކޮޅުގެ ވެސް ހަމަ ހުރިހާ އެންމެން ސަލާމަތް ކުރެއްވި ދެއްތޯ. އަޅުގަނޑަށް ހީވަނީ އެ އޮޑި ބަދަގެން މިދުއްވާ ބަޔަކީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިން ހެން،" އިއްޔެ ބޭއްވި ޕީޕީއެމްގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިޔާޒުގެ ފޭސްބުކް ޕޭޖްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ނޫހުގެފާނުގެ ނާކޮޅަށް އަރައިފި މީހަކަށް ސަލާމަތްތެރިކަން ދެއްވާނެކަން އެންގެވީ ގަދަ ކީރިތިވަންތަ ﷲ ކަމަށެވެ. އެކަމާއި ގުޅުވައިގެން މިވެނި ކަމެއް ކޮށްފި ނަމަ ސަލާމަތްކަން ލިބޭނެ އޭ ބުނުން އެއީ މަހުލޫގުންނަށް ޖާއިޒު ކަމެއް ނޫން ކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ނޫހުގެފާނުގެ ނައުކޮޅަށް އެރި މީހުން ސަލާމަތްވި ކަމަށާއި އެގޮތަށް ޕީޕީއެމްގެ އޮޑިއަށް އެރުމަށް ގޮވާލައްވާފައެވެ.