Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޒައިދުގެ ބަޔާނުގައި ތުހުމަތު ކުރި ކަންކަން ފުލުހުން ބަލަނީ

ފޮޓޯ: ސަން

ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މާލޭ ސިޓީ ކައުންސިލަރު ޒައިދުލް އަމީން އިއްޔެ ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވާ ކަންތައް ފުލުހުން ބަލަން ފަށައިފިއެވެ.

އިއްޔެ ޒައިދު ނެރުނު ބަޔާނެއްގައި ފުލުހުންގެ ފަރާތުން ގާނޫނާއި ހިލާފު ކަންތައްތައް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. ބަޔާނާއި ގުޅޭގޮތުން ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޒައިދު ނެރުނު ބަޔާނުގައި ވާކަންތައް ޕީއެސްސީ އިން ދަނީ ބަލަމުންނެވެ.

ޒައިދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ބްލެކްމެއިލްގެ ތުހުމަތެއްގައި ނަމަވެސް އޭނާ ބްލެކްމެއިލް ކުރީ ކާކުކަން ފުލުހުން ބުނެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބަލައި ޗެކް ކުރުމުންވެސް އެއްވެސް ހެއްކެއް އޭނާއާ ދެކޮޅަށް ފެނިފައިނުވާ ކަމަށާއި ރައީސް މައުމޫން ޕީޕީއެމްގެ އޮފީހުން ގެއްލުނު ހާޑް ޑިސްކުތައް ނެގިކަމަށާއި ސަރުކާރާއި ދެކޮޅަށް ސިއްރު ރޭވުންތައް ރާވަމުންދާކަމަށް ބުނެ ބަޔާން ދިނުމަށް ސީދާ ފުލުހުން އޭނާ ކައިރީގައި ބުނެފައިވާ ކަމަށް ޒައިދުގެ ބަޔާނުގައިވެއެވެ.

އަދި މިގޮތަށް ކަން ނުކޮށްފިނަމަ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝުމްބާ ގޮންގް ގޮތަށް ޖަލުގައި ގިނަ ދުވަހު އޮންނަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދިންކަމަށް ޒައިދުގެ ބަޔާނުގައި ބުނެފައިވެއެވެ.

ގޭބަންދުގައި ހުރި ޒައިދުލް އަމީން ވަނީ އިއްޔެ އަނެއްކާވެސް ފުލުހުންގެ ބަންދަށް ބަދަލުކޮށް 13 ދުވަހުގެ މުއްދަތު ޖަހާފައެވެ. ޒައިދުގެ ވަކީލުން ވަނީ މިމައްސަލަ އިސްތިއުނާފް ކޮށްފައެވެ.