Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ކޯގަންނު ހިމާޔަތް ކުރަން ފުލުހުން މައްޗަށް ކޯޓު އަމުރެއް ނެރެފި

ސ. މީދޫގައި އޮންނަ ރާއްޖޭގެ އެންމެ ދުވަސްވީ ގަބުރުސްތާން "ކޯގަންނު"އަށް އެކި ގޮތްގޮތުން ގެއްލުން ދެމުންދާތީ އެތަން ހިމާޔަތް ކުރުމަށް ފުލުހުންގެ މައްޗަށް ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަށް ތަޅާލައި، އެތަނުގައި ހުންނަ މެދު ޒިޔާރަތަށް ބަޔަކު ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. ހިމާޔަތް ކޮށްފައިވާ ކޯގަންނު ގަބުރުސްތާނަށް ބޮޑެތި ގެއްލުން ދެމުންދާތާ ދުވަސްކޮޅެއް ވެއްްޖެއެވެ.

ރާއްޖޭގެ ތާރީހުގެ މުހިއްމު އެތައް މައުލޫމާތެއް ލިބެން ހުރި މީދޫ ގަބުރުސްތާނުގެ މަހާނަ ގާތަކަށް ބަޔަކު ގެއްލުން ދާ މައްސަލަ ކޯޓަށް ހުށަހެޅީ ރަށުގެ އާއްމު ބައެކެވެ.

ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ކޯގަންނުގެ ސެކިއުރިޓީ ބަލަހައްޓައި އެތަން ހިމާޔަތް ކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ބަޔަކު އަޑީގައި ތިބެގެން ގަބުރުސްތާނަށް ގެއްލުން ދެމުންދާ ސަބަބެއް ނޭގޭކަމަށެވެ.

ކޯގަންނު ގަބުރުސްތާނުގައި މީގެ ކުރިން ނަމާދު ކުރާ ހަތަރު މިސްކިތް ހުރެއެވެ. ނަމަވެސް ފަހުން ވަނީ އެމިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލައި އެތަންތަން ބެލެހެއްޓުން ހުއްޓާލާފައެވެ.

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އެރަށުގެ ޒުވާނުންތަކެއް ވަނީ އިސްނަގައިގެން މިސްކިތް ސާފުކޮށް ބޮކި ޖަހައި ތަން ދިއްލައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ރާއްޖެ އިސްލާމްވުމުގެ މާކުރިން ފެށިގެން މީދޫ ކޯގަންނު ގަބުރުސްތާނުގައި މީހުން ވަޅުލާން ފަށާފައިވާކަން އެތަނުގައި ހުރި ތާރީހީ ލިޔުތަކުން އެނގެއެވެ. މި ގަބުރުސްތާނުގައި ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި މަޝްހޫރު ފަނޑިޔާރުން ވަނީ ފަސްދާނުލެވިފައެވެ.