Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ގާޒީ މަރިޔަމްގެ މައްސަލާގައި އަޅާނެ އިތުރު ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި މެދު އެޅޭނެ އިތުރު ފިޔަވަޅެއް ނެތް ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން އިން ނިންމައިފިއެވެ.

އިދިކޮޅު އެމްޑީޕީ އިން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ސުޕްރީމް ކޯޓުގެ ބެންޗާއި މެދު ފިޔަވަޅު އެޅުމަށް އެދުމުން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި "ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން" އާ އެއްގޮތަށް އަމަލުކުރުމެވެ.

ގާޒީ މަރިޔަމް ވަހީދާއި ދެކޮޅަށް ސުޕްރީމް ކޯޓުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އެކޯޓު ނިންމުމާއި ޙިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާކަމަށް ބުނެ އޭޖީ އޮފީހުން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ.

ވ.ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް ގާޒީ މަރިޔަމް ވަހީދު ވަނީ ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުން ވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.

މިއީ ރާއްޖޭގެ ފަނޑިޔާރަކާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުނު ފުރަތަމަ ފަހަރެވެ.