ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މޮނިޓަރ ކޮށް އޮބްސާވްކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށައެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
އިއްޔެ ހަވީރު 16:00 ގެ ކުރިން އޮބްސާވަރުންނަށާއި މޮނިޓަރުންނަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށައެޅުމަށް އީސީ އިން މުއްދަތު ކަނޑައަޅާފައިވަނިކޮށް މިހާރު ވަނީ އަންނަ މާޗު މަހުގެ 5 ވަނަ ދުވަހު ހަވީރު 16:00 އަށް މި މުއްދަތު އިތުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މުއްދަތު އިތުރުކުރި ސަބަބެއް ހާމަކޮށްފައިނުވާއިރު އިންތިޚާބު ބާއްވާ ދުވަސްވެސް ވަނީ ތިން ފަހަރެއްގެ މަތިން ބަދަލުކޮށްފައެވެ. ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މިއިންތިޚާބު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ތައްޔާރު ނުވެވިގެން ކޯޓު އަމުރަކުން ވަނީ އިންތިޚާބު ފަސްކޮށްފައެވެ.
އެޕްރިލް 15 ގައި ބޭއްވުމަށް މިހާރު ތައްޔާރުވަމުންދާ ކައުންސިލް އިންތިޚާބަށް ވާދަކުރުމަށް ބޭނުންވާ ޝަރުތުތަކަށް ގެނައި ބަދަލަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އަންނަ އަންގާރަ ދުވަހަށް އިތުރުކޮށްފައެވެ.