މޯލްޑިވްސް ޕޮލިސް ސަވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ފެށުމަށް ހަމަޖެހިފައިވާ އެ އިންސްޓިޓިއުޝަންގެ ފުރަތަމަ ޑިގްރީ ކޯސް ކަމުގައިވާ “ބެޗަލާޒް އޮފް ސައިންސް އިން ލޯ އެންފޯސްމަންޓް ސްޓަޑީޒް” ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 އާ ހަމައަށް ހުޅުވާލައިފި އެވެ.
މި މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިން ހުޅުވާލާފައި ވަނީ 50 ފުރުޞަތެވެ. އަދި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރަށް ހުޅުވާލާފައި މިވަނީ އެ ކޯހުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޝަޢުގުވެރިކަން ފާޅު ކުރަމުން ދިއުމާ ގުޅިގެން ވީހާ ވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ބޭނުމުގަ އެވެ.
އައިލްސް އާއި ޔުނިވަސިޓީ އޮފް ވެސްޓާން ސިޑްނީ އޮސްޓްރޭލިޔާ އާ ދެމެދު ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑެސްޓޭންޑިގެ ދަށުން މި ކޯހުގައި ކިޔަވައި ދެއްވާނީ އެ ޔުނިވަސިޓީގެ ތަޖުރިބާކާރު ލެކްޗަރާއިންނެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލޯ އެންފޯސްމަންޓް ދާއިރާތަކުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.