އިނގިރޭސި ވިލާތުގެ ޗެމްޕިއަންޝިޕުގައި ކުޅޭ ރެޑިންގ ނިއުރޭޑިއަންޓުގެ ދައުވަތަކަށް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
ނިއު ވަނީ ރެޑިންގ އާއިއެކު އެކުވެރި ކަމުގެ މެޗެއްގެ އިތުރުން ދެކުލަބު ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ނިއުރޭޑިއަންޓަށް ރެޑިންގގެ ފަރާތުން ޓެކްނިކަލް އެހީތެރިކަމާއި ކުޅުންތެރިން އުފެއްދުމަށާއި ކުރިއެރުވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.
ރެޑިންގ ގެ ޑައިރެކްޓަރެއް ކަމަށްވާ ސުމްރިތް ތަނަކާންޖަނަސުތް ވަނީ މިއެއްބަސްވުމުގައި ސޮއި ކުރުމަށް މިހާރު ރާއްޖެ އައިސްފައެވެ. ނިއުގެ ފަރާތުން ރޭ ބޭއްވުނު މިހަފްލާގައި އެމްއޯޔޫ ގައި ސޮއިކޮށްފައިވަނީ ކުލަބުގެ ޗެއާމަން މުހައްމަދު ޒިޔާދެވެ.
ސުމްރިތް ތަނަކާންޖަނަސުތް ވަނީ ނިއުގެ ފަރިތަކުރުންތައް ބަލާލުމަށާއި ކުޅުންތެރިންނާއި ކުލަބުގެ އޮފިޝަލުންނާއި ބައްދަލުކުރުމަށް ދަނޑަށްވެސް ގޮސްފައެވެ.
މިއީ ބޭރުގެ މަތީ ފަންތީގެ ކުލަބަކާއި ދިވެހި ކުލަބަކާއި މިފަދަ އެއްބަސްވުމެއް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް އިނގިރޭސި ލީގުތަކުގައި ކުޅުމުގެ ފުރުސަތުވެސް ތަނަވަސްވެގެންދާނެއެވެ.