Last Updated: June 27, 10:07
Saturday, June 27, 2026
ޚަބަރު

އުފަލަކީ ތައުލީމީ ހަޔާތް ނިންމާއިރު ކޮންމެ އަންހެން ކުއްޖަކީ ވަޒީފާ ކަށަވަރުވެފައިވާ ކުއްޖަކަށް ވުން: ރައީސް ޔާމީން

މިސަރުކާރުގައި އަންހެންނުންގެ ހައްގުތައް މަހުރޫމްވެ ނުދާނެ ކަމަށާއި ކަނބަލުން ހަވާސާވެގެން ނުދާނެ ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ތައުލީމީ ހަޔާތް ނިންމާ ކޮންމެ އަންހެން ކުއްޖަކަށް ވަޒީފާ ކަށަވަރުވެފައިވާ ކަން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭ ފުރަގަހުގައި "ހީވާގި ކަނބަލުންގެ މައުރަޒު" ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަތް މިހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ތައުލީމީ ހަޔާތް ނިންމާއިރު ކޮންމެ އަންހެން ކުއްޖަކަށް ވަޒީފާ ކަށަވަރުވާ ކަމެވެ.

" އަޅުގަނޑު ބޭނުންވަނީ ތިހުރިހާ ބޭފުޅުންނަށް ހިތްވަރުދޭން. އަޅުގަނޑުމެންގެ ސަރުކާރުގައި އެއްގޮތަކަށްވެސް ކަނބަލުންނެއް ހަވާސާ ވެގެނެއް ނުދާނެ. ހައްގުތަކުން މަހުރޫމު ވެގެނެއް ނުދާނެ." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ވަނީ ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ އަނބިކަނބަލުން، ފާތުމަތް އިބްރާހީމަށް ތައުރީފްގެ ބަސްތައް ރައްދުކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ އަންހެނުން ބާރުވެރި ކުރުވުމަކީ މެޑަމް ފާތުންގެ 'ޕެޝަން' އެއް ކަމަށެވެ.

ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި އަންހެން ކަނބަލުންގެ ހިއްސާ އިތުރުވެ ބޮޑުވެފައިވާތީ މިދެދާއިރާގައި މަސައްކަތް ކުރައްވާ ބޭކަނބަލުންނަށް ރައީސް ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގެ މެމްބަރުންގެ %40 އަކީ އަންހެނުން ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޔާމީން ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.