Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މީދޫ ކޯގަންނު ގަބުރުސްތާންގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަން ފަށައިފި

މީދޫގައި އޮންނަ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ގަބުރުސްތާނު "ކޯގަންނު"ގެ ބައެއް މަހާނަ ގާތަށް ހަލާކުކޮށް އެތަނަށް ގެއްލުން ދެމުންދާތީ އެތަން ހިމާޔަތްކޮށް، ސެކިއުރިޓީ ބެލެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާއި އެއްގޮތަށް އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ މައްޗަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަމުރާއި އެއްގޮތަށް އެތަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް އެމައްސަލަ ފުލުހުން އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދެމުންދާތީ އެތަން ބެލެހެއްޓުމަށް މިމަހުގެ 16 ވަނަ ދުވަހު ފުލުހުންގެ މައްޗަށް ކުރި އަމުރަށް އަމަލު ކޮށްފައި ނުވާކަމަށެވެ. އެހެންވެ ފެބްރުއަރީ 23 ވަނަ ދުވަހުގެ 18:00 އިން ފެށިގެން އެ ސަރަހައްދުގައި ސެކިޔުރިޓީގެ ގޮތުގައި ފުލުހުން ބޭތިއްބުމަށާއި އެކަން ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއިން އެޅި ފިޔަވަޅު 24 ގަޑިއިރު ތެރޭގައި މީދޫ މެޖިސްޓްރޭޓް ކޯޓަށް ލިޔުމުން އެންގުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ކޯގަންނު ގަބުރުސްތާނަކީ ހިމާޔަތްކޮށްފައިވާ އާސާރީ ތަނަކަށް ވެފައި އެތަނުގައި އެންމެ ގިނަ ދުވަސްވީ މަހާނަ ގާތަށް ތަޅާ ބިންމައްޗަށް ވައްޓާލާފާއި ވަތީ އާއި، އެކަން ކުރި ބަޔަކު ހޯދައި އެ ފަރާތްތަކާއި މެދު ދައުވާ ކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.

އެ އަމުރުގައި ވަނީ، ފުލުހުންގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، އެ މާއްދާގެ ބ ގައި ބަޔާންކޮށްފައިވާ ދިވެހި ރާއްޖޭގެ ސަރަހައްދުގެ، އެއްގަމާއި، ވަޔާއި، ކަނޑުގައި އަދި ދިވެހި ރާއްޖޭގެއިން ބޭރުގައި ދިވެހިން ކުރާ ޖިނާއީ ކުށުގެ އަމަލުތައް ހޯދައި ދެނެގަނެ ތަހުގީގު ކުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރަން ޖެހޭ ކަމެއްކަން ބަޔާންކޮށްފައި ވާތީ ކޯގަންނު ގަބުރުސްތާނުގައިވާ ގަދީމީ މަހާނަ ތަކާއި އެތަނަށް ނިސްބަތްވާ އެންމެހައި އާސާރީތަންތަން ހިމާޔަތްކޮށް ރައްކާތެރިވާނެ ގޮތެއްގެ މަތިން ބަހަލައްޓަމުން ގެންދިޔުމަށެވެ.