ދިވެހިރާއްޖެއިން ބައެއް ވިއްކާލުމަށްޓަކައި ސަރުކާރުން އެއްވެސް ބަޔަކާއި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށް ދައުލަތުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރުން ފ. އަތޮޅު ސައުދި އަރަބިއާ އަށް ވިއްކާލަން އުޅޭ ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމަށް ރައްދު ދެއްވައި ޓީވީއެމް އިން ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ ބޭރުގެ ބަޔަކަށް ޤައުމުން ބައެއް ވިއްކާލުމަށް ސަރުކާރުން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސިޔާސީ ގޮތުން ވަކި މަޤްސަދެއްގައި ދައްކާ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.
ބޭރުގެ ބަޔަކަށް ރާއްޖެއިން ބައެއް ވިއްކާލުމަކީ ސަރުކާރުން ފުރުސަތު ދެއްވާނެ ކަމެއް ނޫން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރާއްޖެއަށް ބޮޑެތި މަޝްރޫޢުތަކެއް ގެނެސް ޤައުމު ތަރައްޤީ ކުރެއްވުން ކަމަށެވެ. އަދި ސަރުކާރުން ހުރިހާ މަޝްރޫޢެއްވެސް ހިންގަވާނީ ދެފުށް ގެންނަ ގޮތަށް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެނގިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ އެއާއިއެކު ފްރީހޯލްޑް އުސޫލުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ބަޔަކަށް ދޭނަމަ، އެ ފުރުސަތު ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޚާއްސަ ޤާނޫނެއްގެ ތެރެއިން ކަމަށެވެ. އަދި އެ މަޝްރޫޢަކަށް ޚާއްސަ ކޮށްފައިވާ ޤާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށާއި، އެކަން އިދިކޮޅު ފަރާތްތަކަށް ނޭނގުމަކީ އެފަރާތްތަކުގެ ޤާބިލްކަމާއިމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެފަދަ ޤާނޫނެއް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށައަޅާ ހިސާބުން ފެށިގެން އެމަޝްރޫޢު އާއި ބެހޭ ހުރިހާ މަޢުލޫމާތެއް ތަފްސީލްކޮށް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ހާމަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފ. އަތޮޅުގައި ސަރުކާރުން ހިންގަވާ މަޝްރޫޢު އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ އެއީ އެސަރަޙައްދުގެ އާބާދީ އިތުރުވެ ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވުމުގެ އިތުރުން ގިނަ ފަހި ފުރުސަތުތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ފަދަ މަޝްރޫޢެއް ކަމަށެވެ.