ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017" ފަށައިފިއެވެ.
ހުކުރު ދުވަހު ހުޅުމާލޭގައި ފެށި އެ މުބާރާތުގައި ޖުމްލަ 108 ޓީމް ބައިވެރިވެއެވެ.
ހުޅުމާލޭ ފުޓްސަލް ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މުބާރާތް ރަސްމީގޮތުން ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެމުބާރާތް ބޭއްވުމުގެ މަޤްސަދަކީ ފުޓްސަލް އަކީ ޒުވާނުންގެ މެދުގައި ތަރުހީބު ބޮޑު ކުޅިވަރަކަށް ވުމާއިއެކު އެކުޅިވަރުގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މުސްތަޤުބަލުގައި ހުޅުމާލޭގައި އިތުރު ފުޓްސަލް ދަނޑުތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ހުރިހާ ވަސީލަތްތައް ހުޅުމާލޭގައި ޤާއިމް ކުރެވޭނެ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ.
އެ މުބާރާތުން މޮޅުވާ ޓީމަކަށް 80،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި އެފްސީ ނާވައިދު އާއި އެފްސީ ވައި ކިކްސް ބައްދަލުކޮށް، 3-2 ލަނޑުގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައި ވަނީ އެފްސީ ވައި ކިކްސް އިނެވެ.
އެޗްޑީސީ އިން މަޢުލޫމާތު ދޭ ގޮތުގައި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އެބުރަށްފަހު ދެން އޮންނާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.
މުބާރާތުގެ ރަނަރަޕް ޓީމަށް 40،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.