ވިލާ އެއާގެ އިން އިއްޔެ މާލެ ގެނައި ބޯޓުން އެންމެ ފުރަތަމަ މާލެ އާއި ގަމާ ދެމެދު އަޅާ ދަތުރާއި، މާލެއިން މާމިގިއްޔަށް އަދި މާމިގިލިން މާލެއަށް ކުރާ ފުރަތަމަ ދަތުރުން ލިބޭ ހުރިހާ ފައިސާއެއް ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންގެ ފަންޑަކަށް ހަދިޔާ ކުރައްވާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި "ފްލައި މީ" ގެ އާ ބޯޓުން ގަމަށް ބާއްވާ ދަތުރު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ޤާސިމް ވިދާޅުވީ މި ދަތުރުތަކުން ލިބޭ ފައިސާ ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންގެ ފަންޑަކަށް ހަދިޔާ ކުރެއްވުމަށް ނިންމެވީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވެސް އެގޮތަށް ނިންމަވާފައިވާތީ ކަމަށެވެ.
ވިލާ އެއާ އިން އަލަށް ގެނައި އޭޓީއާރް މަރުކާގެ އާ މަތިންދާ ބޯޓަކީ 66 ގޮނޑީގެ ބޯޓެކެވެ. ވިލާ އެއާގެ "ފްލައި މީ" އިން މިވަގުތު މާލެ އިން މާމިގިއްޔަށް އެއްކޮޅަށް ދަތުރުކުރާ އަގަކީ 525ރ. އެވެ. ރިޓާން ޓިކެޓެއްގެ އަގަކީ 1050ރ. އެވެ. ވިލާ އެއާއިން މިވަގުތު މާލެ އިން އައްޑު އަށް އެއްކޮޅަށް ދަތުރުކުރާ އަގަކީ 999ރ. ދެކޮޅު ޓިކެޓެއްގެ އަގު 1998ރ. އަށެވެ.