Last Updated: March 28, 21:55
Thursday, March 28, 2024
ސިޔާސީ

ޒައިދުގެ ތަހުޤީގުގައި އޭސީޕީ ބައިވެރިކޮށްގެން ނުވާނެ: މައުމޫން

ރައީސް މައުމޫނު އަދި ރައީސް ޔާމީނު

ފުލުހުންގެ ހައްޔަރުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީނުގެ ތަހުޤީގުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ބައިވެރި ކޮށްގެން ނުވާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މަޖުބޫރު ކޮށްގެން ޕީޕީއެމްގެ ރައީސް މައުމޫން އާއި ދެކޮޅަށް ދޮގު ބަޔާނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާތީ، އެކަމާއި ކަންބޮޑުވެ އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި ޒައިދުލް އަމީންގެ ބަޔާނުގައި ނަވާޒްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވާއިރު، އޭނާ އާއި ސުވާލު ކުރުމުގައި މިހާރުން ފެށިގެން ނަވާޒު ބައިވެރި ކޮށްގެން ނުވާނެ ކަމުގައި ދެކޭ ކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި ހަމަ އެހެންމެ ޒައިދުލް އަމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ވަގުތުން އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށްވެސް ޕީޕީއެމްގެ ރައީސްގެ އޮފީހުން ވަނީ ގޮވާލާފައެވެ.

އެބަޔާނުގައި ވަނީ ޒައިދުގެ ދިފާޢީ ވަކީލުގެ ޣައިރު ހާޒިރުގައި ޒައިދު އާއި ސުވާލު ނުކުރުމަށް ގޮވާލާފައެވެ. އަދި ޒައިދުލް އަމީންގެ ބަޔާނުގައި ކުރައްވާފައިވާ ތުހުމަތުތައް އިންސާފްވެރި ކަމާއިއެކު ތަހުޤީގު ކޮށްދިނުމަށްވެސް އެ ބަޔާނުގައި ވަނީ އެދިފައެވެ.

ޒައިދުލް އަމީންގެ ބަޔާނުން އެނގޭ ގޮތުގައި ރައީސް މައުމޫންގެ އިސްތަށިފުޅުގައި ހަޤީގަތާއި ޚިލާފު ބޮޑެތި ތުހުމަތުތަކެއް އެޅުވުމުގެ މަސައްކަތް ބަޔަކު ކުރަމުން ދާ ކަމަށައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ޒައިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް މައްސަލައަކާއި ބެހޭގޮތުން ސުވާލުކޮށް ދޮގު ބަޔާނެއް ހޯދުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ބޭނުމަކަށްޓަކައި ކުރާ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އަދި ހަމަ އެހެންމެ ހައްޔަރުގައި ބަހައްޓައިގެން ޒައިދުލް އަމީންގެ މިނިވަންކަމާއި ސަލާމަތާއި އަދި ރައްކާތެރިކަން ނިގުޅައިގެންފައި ވާތީ، އެކަން ކުށްވެރިކޮށް މިހާރުން މިހާރަށް ޒައިދުލް އަމީން ދޫކޮށްލުމަށްވެސް އެބަޔާނުގައި ވަނީ ފުލުހުންނަށް ގޮވާލާފައެވެ.