ލެސްޓާ ސިޓީއަށް މިދިޔަ ސީޒަނުގެ "ހުވަފެނީ" ތަށި ހޯދައިދިން ކޯޗު، ކްލައުޑިއޯ ރަނެއޭރީ ކާމިޔާބަށް އަހަރެއް ނުވަނީސް ކުލަބުގެ މެނޭޖަރުކަމުން ވަކިކޮށްފައިވާއިރު އޭނާއަށް ކެހި ދިނީ އަމިއްލަ ކުޅުންތެރިންކަން ހާމަވެއްޖެއެވެ.
ކުލަބުގެ ސީނިއާ ހަތަރު ކުޅުންތެރިން ރަނެއޭރީ މަގާމުން ވަކިކުރުމަށް އެދި ހަތަރު ފަހަރު މަތިން ކުލަބުގެ ވައިސް ޗެއާމަން ގާތު އެދުނު ކަމަށް މިރާ އިން ރިޕޯޓް ކޮށްފައިވެއެވެ.
ކެހި ދިން ކުޅުންތެރިންގެ ތެރޭގައި ފޯވާޑު ޖޭމީ ވާޑީ، މިޑްފީލްޑަރު މާކް އަލްބްރައިޓަން، ޑިފެންޑަރު އަދި ކެޕްޓަން ވެސް މޯގަންގެ އިތުރުން ގޯލު ކީޕަރު ކެސްޕާ ޝްމެއިކެލް ހިމެނެއެވެ.
ނަމަވެސް ޝްމެއިކެލް ވަނީ ރަނެއޭރީ ވަކިކުރުމުން އޭނާއަށް އިހުތިރާމް ކުރަން ޖެހޭ ކަމަށްބުނެ ސޯޝަލް މީޑިޔާގައި މެސެޖު ފޮނުވާފައެވެ. ނަމަވެސް ލެސްޓާ ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ރަނެއޭރީ ކޯޗުކަމުން ވަކިކުރުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ ފާޑުކިޔުންތައް އަމާޒު ވަމުންއަންނަ އިރު އިޓަލީގެ ގޯލު ކީޕަރު ބުފަން ބުނެފައިވަނީ އޭނާ ވަކިކުރި ސަބަބު އެއްވެސް ގޮތަކަށް ނުވިސްނޭ ކަމަށެވެ.
ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ރަނެއޭރީ ވަކިކޮށްފައިވާ ވުމަކީ އިނގިރޭސިން އީޔޫ އިން ވަކިވުމާއި އެމެރިކާ މީހުން ޑޮނަލްޑް ޓްރަމްޕް ރައީސަށް ހޮވުން ފަދަ ބުއްދިއަށް ގަބޫލުނުކުރެވޭ ކަމެއް ކަމުގައެވެ.
ލެސްޓާ ކޯޗުކަން ހަވާލު ކުރާނެ ކަމަށް ބެލެވެނީ ގަސް ހިޑިންކް ނުވަތަ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗީނީއެވެ.