ދުނިޔޭގެ ބޮޑެތި މީޑިޔާތައް ކަމަށްވާ ބީބީސީ، ސީއެންއެން، ގާޑިއަން އަދި އިތުރު މީޑިޔާތަކަށް ވައިޓް ހައުސްއަށް ވަނުން މަނާކޮށް ނޫސްވެރިންނަކީ "ރައްޔިތުންގެ ދުޝްމަނުން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކޮށްފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދިޔަ ގިނަ އަދަދެއްގެ ނޫސްވެރިން ބައްދަލުވުމަށް ވެއްދުން މަނާކޮށްފައިވާއިރު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ޓްރަމްޕްއާއި ގުޅޭ މަދު ނޫސްވެރިންތަކެކެވެ.
ބައްދަލުވުމަކީ "އޮން-ކެމެރާ" ބައްދަލުވުމަކަށް ކުރިން ތާވަލު ކުރެވިފައިވިނަމަވެސް މަދު ނޫސްވެރިންނާއެކު ސުވާލާއި ޖަވާބު ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބައްދަލުވުމަށް ވަނުމަށް މަނާކޮށްފައިވާ މީޑިޔާތަކަށް ބަލާއިރު ނިއުޔޯކް ޓައިމްސް، ބްޒްފީޑް އަދި ޑެއިލީ މެއިލްވެސް ހިމެނިފައިވެއެވެ. ބައްދަލުވުމުގައި ބައިވެރިކޮށްފައިވަނީ ވޮޝިންގޓަން ޓައިމްސް، ސީބީއެސް، ފޮކްސް، އެންބީސީ އަދި އޭބީސީއެވެ. މީގެ އިތުރުން އެސޯސިއޭޓެޑް ޕްރެސްއާއި ޓައިމްއަށްވެސް ބައިވެރިވުމަށް ހުށައެޅި ނަމަވެސް ބައެއް މީޑިޔާތައް އެކަހެރި ކުރުމުން ދެ މީޑިޔާ ވަނީ ބައްދަލުވުން ބޮއިކޮޓް ކޮށްފައެވެ.
ޓްރަމްޕުގެ ނޫސްވެރިންނާއި ދެކޮޅަށް ހިންގި މިއަމަލު ވަނީ ވަރަށް ގިނަ ނޫސް މަޖައްލާތަކާއި އެހެނިހެން މީޑިޔާތައް އަދި އެމެރިކާ ރައްޔިތުން ކުށްވެރިކޮށްފައެވެ.