އިނގިރޭސި ވިލާތުގައި ލޮލަށް ނުފެންނަ މީހެއްގެ އަސާއެއް ފެނި، ބަޑިއެއް ކަމަށް ހީކޮށް މެންޗެސްޓާ ފުލުހުން އެމީހާ ޓޭސާ ކޮށް ހަމަލާދީފިއެވެ.
މެންޗެސްޓާ ފުލުހުން ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާ މީހާ ހައްޔަރުކުރުމަށް ރޭލު ސްޓޭޝަނަކަށް ގޮސްފައިވަނީ އެމީހާ ގެއަށް ދިއުމަށް ރޭލަކަށް މަޑުކޮށްގެން ހުއްޓާ އެސަރަހައްދުގައި ތިބި މީހުން ރިޕޯޓުކޮށްގެންނެވެ.
ސްޓޭޝަން ކައިރިއަށް އައި ފުލުހުން އެމީހާއަށް ޓޭސާ ބަޑިން ހަމަލާދީފައިވަނީ އެމީހުންނަށް ފެނުނު "ހަތިޔާރު" ވައްޓާލަން ބުނެ އަސާއިން ދޫނުކޮށްލުމުންނެވެ. ފުލުހުން އެމީހާއަށް ދިމާލަށް ހަޅޭއްލަވާފައިވަނީ ބަޑި ވައްޓާލުމަށް ގޮވަމުންނެވެ.
އެމީހާއަށް ފުލުހުން ޓޭސާ ކޮށްފައިވަނީ 50،000 ވޯލްޓުގެ ސްޓަން ބަޑިއަކުންނެވެ. އެމީހާ ވާނުވާއެއް ނޭނގި ފުލުހުންނާއި ކުރިމަތިލައިގެން ހުއްޓާ ޓޭސާ ކުރުމުން ވަގުތުން ބިންމައްޗަށް ވެއްޓިފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ކިޔާދީފައިވާ ކަމަށް ވެއެވެ.
މެންޗެސްޓާ ފުލުހުންނާ ހަވާލާދީ ޓެލެގްރާފް އިން ރިޕޯޓުކޮށްފައިވަނީ ފުލުހުން ވަނީ ޓޭސާ ކުރުމަށް ފަހު އެމީހާ ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި އެމީހާގެ އަތުގައި އޮތީ އަސާއެއް ކަން ފުލުހުންނަށް އެނގުނީ ހައްޔަރު ކުރި ފަހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ ސުޕްރިޑެންޓު ވަނީ މިހާދިސާއަށް ފަހު ހަރަކާތްތެރިވި ފުލުހުންގެ އަމަލު ދިފާއުކޮށްފައެވެ. އޭނާ ބުނެފައިވަނީ ފުލުހުން ހަރަކާތްތެރިވީ އާންމުން ސަލާމަތް އިސްކޮށް ނުރައްކާތެރި ހާދިސާއަކުން އާންމުން ސަލާމަތް ކުރުމަށެވެ. ނަމަވެސް އެހާދިސާގައި އެއްވެސް ނުރައްކަލެއް ކުރިމަތި ވެފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިއަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކޮށް އަސާއަކާއި ބަޑިއެއް ވަކިކުރަން ނޭނގުނު ފުލުހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.