ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ތާރީހީ ގަބުރުސްތާނު ކަމަށްވާ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގަސްދުގައި ދެމުންދާ ގެއްލުން ހުއްޓުވުމަށާއި އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ މައްޗަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިސްތިއުނާފް ކޮށް ހުކުމެއް ކުރަންދެން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި އެއްގޮތަށް ކޯގަންނު ބަލަހައްޓަމުން ގެންދާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީދޫ ކޯގަންނު ގަބުރުސްތާނަށް މިއަދު "އައްޑޫލައިވް" ނޫސްވެރިން ދިޔައިރު އެތަނުގައި ފޯރިއަށް ފުލުހަކު ބަހައްޓާފައި ހުއްޓެވެ. އަދި އެފުލުސް މީހާއަށް ބޭނުންވާ ކޮފީ އާއި ފެނާއި އެހެނިހެން ސާމާން އެތަނުގައި ފޯރުކޮށްދީފައިވެއެވެ.
ފުލުހުން ބުނީ ކޯގަންނު ގަބުރުސްތާނަށް ގެއްްލުން ދިން ބަޔަކު ހޯދުމަށް މަސައްކަތް އެތަނުގެ އިންޓަލިޖެންސް ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށެވެ.
ކޯގަންނު ގަބުރުސްތާނު ބަލަހައްޓަން ފުލުހުންގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ ފުލުހުންގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، އެ މާއްދާގެ ބ ގައި ބަޔާންކޮށްފައިވާ ދިވެހި ރާއްޖޭގެ ސަރަހައްދުގެ، އެއްގަމާއި، ވަޔާއި، ކަނޑުގައި އަދި ދިވެހި ރާއްޖޭގެއިން ބޭރުގައި ދިވެހިން ކުރާ ޖިނާއީ ކުށުގެ އަމަލުތައް ހޯދައި ދެނެގަނެ ތަހުގީގު ކުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރަން ޖެހޭ ކަމެއްކަން ބަޔާންކޮށްފައި ވާތީ ކޯގަންނު ގަބުރުސްތާނުގައިވާ ގަދީމީ މަހާނަ ތަކާއި އެތަނަށް ނިސްބަތްވާ އެންމެހައި އާސާރީތަންތަން ހިމާޔަތްކޮށް ރައްކާތެރިވާނެ ގޮތެއްގެ މަތިން ބަހަލައްޓަމުން ގެންދިޔުމަށެވެ.
އަދި ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރުގައިވެއެވެ.