Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހިމަބިއްސަށް އެމްއާރް ވެކްސިން ދޭން މިއަދު ފަށާނެ

ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ފަށާފައިވާ ކެމްޕެއިންގެ ދަށުން އައްޑޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނިންމައިފި އެވެ.

މިއަދުން ފެށިންގެން އަންނަ މަހުގެ 11 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ފުރަތަމަ ހަފުތާގައި ވެކްސިން ދިނުމަށް ނިންމާފައި ވަނީ އައްޑޫ ސްކޫލްތަކުގެ ދަރިވަރުންނަށެވެ.

އެގޮތުން ހޮސްޕިޓަލާއި މަރަދޫފޭދޫގައި ހުންނަ ދަމަނަވެއްޓާއި މަރަދު އާއި ފޭދޫ އަދި ހުޅުމީދޫ ސިއްހީ މަރުކަޒުގައި މިއަދު ހެނދުނު 11:30 އިން ފެށިގެން އެމްއާރް ވެކްސިން ދޭން ފަށާނެ އެެވެ.

"ފުރަތަމަ ހަފްތާގައި ސްކޫލްތަކުގެ ދަރިވަރުންނަށް. ދެވަނަ ހަފްތާގެ ތެރޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އޮފީސްތަކާއި އެހެނިގެން މުއައްސަސަތަކާއި ކުންފުނިތަކަށް. އަދި ހަމަ އައްޑޫގައި ހިންގާ ރިސޯޓްތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންނަށް ވެކްސިން ދޭގޮތަށް ވަނީ ހަމަޖެހިފައި." ހިތަދޫ ހޮސްޕިޓަލްގެ މެނޭޖަރު ހެލްތު ސާރވިސް ޢަބްދުﷲ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ އަމާޒަކީ އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އުމުރުން 8 އަހަރާއި 25 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން %95 ކުދިންނަށް ވެކްސިން ދިނުމެވެ.

ހިތަދޫ ހޮސްޕިޓަލްގެ މެނޭޖަރ ޢަބްދުﷲ ޖަމީލް . ފޮޓޯ: އައްޑޫލައިވް

ހިމަ ބިއްސަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ނޭވާލާ ނިޒާމްގެ ތެރެއިންޖެހޭ މިބަލީގެ ސަބަބުން ކަންފަތުގައި އިންފެކްޝަން އުފެދުމާއި ނިއުމޯނިއާ ޖެހުމާއި، ފުއްޕާމެއާއި ސިނކުޑިއަށްވެސް ގެއްލުންލިބެއެވެ. އަދި ބައެއް ފަހަރު ފުރާނަޔަށް ނުރައްކާވާ ހިސާބަށްވެސްދެއެވެ. 2010 ވަނަ އަހަރުގެ ފަހުން ހިމަބިއްސާއި ގުޅުންހުރި އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާކަމަށް ކަމާއި ބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމަށް ކަނޑައެޅުމަށްޓަކައި ކުރިޔަށް ގެންދަވާ ކެމްޕޭންގެ ދަށުން އާބާދީގެ %93 އާއި %95 އާ ދެމެދުގެ މީހުންނަށް މީސަލްސް ވެކްސިން ދެ ޑޯޒް ފުރިހަމަކުރަންޖެހެއެވެ.

އަދި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 8 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ހިތަދޫ ހޮސްޕިޓަލުން ވަނީ ހިމަބިއްސަށް މީހުން ހޭލުންތެރިކުރމުގެ ގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމަށް އައްޑޫގެ ސްކޫލްތަކާއި ގުޅިގެން ހާއްސަ ހަރަކާތެއް ވެސް ފަށައިފަ އެވެ.