Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

އޭޓީއެމްއަކަށް ފޭކް ނޫޓްތަކެއް އެޅި މީހަކު ހައްޔަރުކޮށްފި

އިންޑިއާގައި އޭޓީއެމް ތަކަށް ފައިސާ ލުމުގެ މަސައްކަތް ކުރާ މީހަކު، އޮރިޖިނަލް ނޫޓްތައް ފޭކް ނޫޓްތަކަށް ބަދަލު ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި ކަމަށް ދިއްލީގެ ފުލުހުން ބުނެފިއެވެ.

އެކަމުގެ ތުހުމަތު ކުރެވިފައިވާ މުހައްމަދު އިޝާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ ވަޒީފާ އާއި އެއްގޮތަށް އޭޓީއެމް އަށް ފައިސާ ލުމުގެ ތެރެއިން ނޫޓްތައް ބަދަލު ކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭޓީއެމް އިން ފައިސާ ނެގި ކަސްޓަމަރަކަށް "ޗިލްޑްރެންސް ބޭންކް އޮފް އިންޑިއާ" ލިޔެފައި ހުރި ނޫޓްތަކެއް ލިބުނު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި ފޭކް ނޫޓްތައް އޭޓީއެމްތަކުން ދޫކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

އަދި އޭޓީއެމް ގެ ސީސީޓީވީ ފުޓޭޖު މިހާރު ފުލުހުންނަށް ދީފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ. ފުލުހުން ވަނީ މުހައްމަދު އިޝާ ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.

"އޭނާ ބުނީ ނޫޓްތައް ބަދަލު ކޮށްފައި ވަނީ އޭޓީއެމް މެޝިން ރީފިލް ކުރަން ގޮސް ކަމަށް. އިތުރު ތަހުޤީގު ކުރަމުން ދަނީ"، ދިއްލީ ފުލުހުންގެ ތަރުޖަމާނު ދީޕެންދްރާ ޕަތަކް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

މުހައްމަދު އިޝާ އަކީ ދިއްލީގެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޭޓީއެމް ތަކަށް ފައިސާ ލުމުގެ މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

އިންޑިއާގެ ސަރުކާރުން މިދިޔަ އަހަރު ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ފައިސާ އަށް ގެނައި ބަދަލުތަކާއި ގުޅިގެން ވަނީ އަލަށް 2،000 ރުޕީސްގެ ނޫޓްތައް ތަޢާރަފް ކޮށްފައެވެ.