Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

އިބްރާހިމް ދީދީގެ ޝަރީއަތް ފެބްރުއަރީ 25 ގައި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރިކަމުގެ މައްސަލާގައި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމްދީދީގެ މައްޗަށް ކުރާ ޝަރީއަތް ފެބްރުއަރީ 25 ގައި ބާއްވަން ހުޅުމާލޭ ކޯޓުން ކަޑައަޅައިފިއެވެ.

މި މައްސަލާގައި އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތްވެސް އެދުވަހު ބާއްވާން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓްގެ އިސްގަޒީ ބަންދުކުރުމުގެ މައްސަލާގައި ދެން ޝަރީއަތް ކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު ކަލޭގެފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލުގެ މައްޗަށެވެ.

ނަޝީދުގެ މައްސަލަ އިއްޔެ ބާއްވަން ތާވަލްކުރި ނަމަވެސް ރާއްޖެ އިން ބޭރުގައި ހުންނެވުމުން އިއްޔެގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ކުށެއް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ.

އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.