Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ފޭދޫ ނަރުދަމާ ސާވޭ އަށް ބަޔަކު ހޯދަނީ

ފޭދޫގައި ގާއިމު ކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެެ.

މިކަމާ ބެހޭ ގޮތުން އަންނަ މަހުގެ 9-14 އަށް މިނިސްޓްރީން މައުލޫމާތު ފޯރުކޮށް ދޭނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. އިތުރު މައުލޫމާތު 3018301 އަށް ގުޅައިގެން ވެސް ލިބޭނެ އެވެ.

ސާވޭގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުުވުން ވެސް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު، ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޭދޫ ނަރުދަމާ ނިޒާމް ގާއިމު ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ފޭދޫގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމް އެމްޓީސީސީއާ ހަވާލު ކުރީ 130.65 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫގެ ދަށުން 38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމް ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ ކަމަށެވެ. މަޝްރޫގެ މުއްދަތަކީ މި މަހުގެ 16 އިން ފެށިގެން 15 މަސް ދުވަހެވެ.