Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މައުމޫނާ ދެކޮޅަށް ބަޔާނެއް ދިނުމަށް މަޖުބޫރުކުރި މައްސަލަ މަޖިލީހަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ބަޔާނެއް ދިނުމަށް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީނަށް މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅާފައި ވަނީ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަށް ރިޔާޒު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން 22 ފެބްރުއަރީ 2017 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ މެދު ކޮށްފައިވަނީ ވަރަށް ބޮޑު ތުހުމަތެއް ކަން ފާހަގަކުރައްވާފައެވެ.

" މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ބަޔާން ދިނުމަށް ފުލުހުންގެ އިސް އޮފިސަރަކު އޭނާއަށް މަޖުބޫރުކުރިކަމަށް ބަޔާންކޮށްފައިވެ އެވެ. ވީމާ މި މައްސަލަ ތިޔަ ކޮމިޓީން ބައްލަވާ ދެއްވައި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ތިޔަ ކޮމިޓީ އާއި މަޖިލީހުގެ ލަފާ ސަރުކާރަށް ހުށަހަޅުއްވައި ދެއްވުން އެދެމެވެ،" ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފޮނުވި ސިޓީގައި ވެއެވެ.

ޒައިދުލް އަމީން އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އިތުރު ބަޔަކާ ބައިވެރިވެ ވީޑިއޯއެއް ބޭނުން ކޮށްގެން އެކިއެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވާ، ކަމުގެ ތުހުމަތުގައެވެ.

ޒައިދުލް އަމީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޭނާ ހައްޔަރުކުރި މައްސަލަ ސާފުނުވާ ކަމަށާއި ފުލުހުން މަސައްކަތް ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމުގައި ބުނެ ބަޔާނެއް ހޯދުމަށް ކަމަށެވެ.

ޒައިދުލް އަމީންގެ ބަޔާނުގައި ބުނެފައި ވަނީ، ފުލުހުންގެ ތަހްގީގުގައި އޭނާ އާއި ސުވާލުކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ކަމަށެވެ.

ފުލުހުންނަށް ތުހުމަތު ތަކެއް ކޮށް ޒައިދުލް އަމީން ނެރުނު ބަޔާނާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ޒައިދުލް އަމީންގެ ތުހުމަތުތައް ބަލަމުން ގެންދާ ކަމަށެވެ.