Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ކޯގަންނު ކޮންމެހެން ވެސް ހިމާޔަތް ކުރަންޖެހޭ: ޔުމްނާ

ސ. މީދޫގައި އޮންނަ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ގަބުރުސްތާނު ކޮންމެހެންވެސް ހިމާޔަތް ކުރަންޖެހޭ ކަމަށް ރައީސް މައުމޫންގެ ދަރިކަބަލުން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ހެރިޓޭޖް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކޯގަންނު ގަބުރުސްތާންގެ މަހާނަ ގާތަށް ތަޅާލައި އެތަނުގައި ހުންނަ "މެދު ޒިޔާރަތް"އަށް ބަޔަކު ގެއްލުން ދިނުމާއި ގުޅިގެން "އައްޑޫލައިވް"އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޔުމްނާ ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ހެދިފައި ހުރި ނަމަވެސް އެގާނޫންތައް ތަންފީޒު ނުކުރެވޭކަމަށާއި އެހެންވެ މިފަދަ ތަންތަނަށް ގެއްލުން ދެމުން އަންނަ ކަމަށެވެ.

900އަށް ވުރެ ގިނަ އަހަރުވެފައިވާ ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގެ ގަދީމީ އާސާރީ ތަންތަނުގެ ތެރޭގައި ހިމެނޭ ހިމާޔަތްކޮށްފައިވާ ތަނެކެވެ.

ޔުމްނާ ވިދާޅުވީ ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއިން ތަމްރީނު ލިބިފައިވާ މީހުން މަދުވެފައި މިތަންތަނަށް ސަރުކާރުން ދޭ އަހަމިއްޔަތު ކުޑަވުމުގެ ސަބަބުން މިފަދަ ތަންތަން ހަލާކުވަމުން އަންނަ ކަމަށެވެ.

މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ އިސްލާމްވުމުގެ ހާދިސާގެ މާކުރިން އައްޑޫ މީދޫގައި އިސްލާމުން އުޅުނުކަން ހާމަވެއެވެ. މި ގަބުރުސްތާނުގައި ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭބޭފުޅުންނާއި، ބޮޑެތި ދީނީ އިލްމުވެރިންނާއި، ހާފިޒުން ފަސްދާނު ލެވިފައިވާކަން އެތަނުގައި ހުރި މައުލޫމާތުތަކުން އެނގެއެވެ.

ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދެމުންދާތީ އެތަނުގައި ފޯރިމެރުމަށް ފުލުހުންގެ މައްޗަށް ވަނީ މީދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައެވެ.