Last Updated: April 30, 17:11
Wednesday, April 30, 2025
ރިޕޯޓް

ތަރައްގީ އާއި ތަހުޒީބަކީ މިއީ ހެއްޔެވެ؟

އެކި ބްރޭންޑްތަކުގެ ހުސް ފުޅިއެވެ. ގޮށް ޖަހާފައިވާ ޕްލާސްޓިކް ކޮތަޅު ތަކެވެ. ކުޑަކުދިންގެ ނެޕީ އެވެ. ކުނި ކާއެއްޗިއްސާއި ގޭ ބިސީތަކުން އުކާލާފައިވާ ހިފައި ގެންގުޅޭ ސާމާނެވެ.

ލިސްޓު ކިޔަން ވެއްޖެއްޔާ ވަރަށް ދިގު ވެދާނެއެވެ. ކުރުގޮތަކަށް ބުނާނަމަ ކުޑަވަރެއްގެ ކުނި ގޮނޑެކެވެ. އެހެން ނަމަވެސް މިއީ، ކުނިގޮނޑެއް ނޫނެވެ. މިއީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލުން ފެންނަ ހިތާމަވެރި މަންޒަރެވެ.

ހަމައެކަނި ހިތަދޫގެ މި ސަރަހައްދެއް ނޫނެވެ. އައްޑޫގެ ހުރިހާ ރަށްތަކެއްގެ އެކި ސަރަހައްދުތަކުން މިފަދަ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

އަތު ޖެހުނު ތަނަކަށް ކުނި އުކާލުމަކީ، ކޮށްގެން ނުވާނެ ކަމެއް ކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ހުއްޓުމެއް ނެތި ކުރަނީއެވެ. ތިމާވެއްޓަށް މީގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ނޭނގެނީއެއް ނޫނެވެ. ގިނަ މީހުންގެ ނަޒަރުގައި އެއީ "މާބޮޑު" ކަމެއް ނޫން ވީމައެވެ.

ދިވެހި ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތަކީ ހުދު ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ގަދަ ނޫ ވިލުތަކާއި ފަޅުތަކުގެ އިތުރުން މުރަކައިގެ ބަގީޗާތަކެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކުގެ ގޮނޑުދޮށްތަކާއި ފަޅާއި މުރަކަތަކުގެ ޝިކާރައަކަށް ވެފައިވަނީ ރައްޔިތުން އުކާލާ ނުރައްކާތެރި ކުންޏެވެ.

ގޮނޑުދޮށްތަކަށް އުކާލާ ޕްލާސްޓިކް ކޮތަޅާއި ރަބަރު އެއްޗެހީގެ ސަބަބުން އެއްގަމާއި ކަނޑަށް އޭގެ ސަބަބުން ގުނާ ނުލެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. މަސްތަކުގެ ކާނާއަށް ޕްލާސްޓިކްވެ މަސްތައް މަރުވުމާއި ކުދި މަސްތައް ޕްލާސްޓިކުގެ ދަންތުރާގައި ޖެހި ބޮޑެތި މަސްތަކުގެ ކާނާއަށްވެ ކުޑަ މަހާއި ޕްލާސްޓިކާއި އެއްކޮށް ކެވި ބޮޑެތި މަސްތައް މަރުވާ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ގޮނޑުދޮށްތަކަށް މިގޮތަށް ކުނި ކާއެއްޗިއްސާއި ނެޕީފަދަ ތަކެތި އެއްލުމުން ތަފާތު އެކިއެކި ބަލިތައް ޖެހުމަށް މެދުވެރިވެއެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގައި ވާރޭވެހި ތަން ނަޖިސްވެ ނުބައި ވަސް ފެތުރުމާއި ބަލިތައް އިތުރުވުމާއި މަދިރި އާލާވުމަކީ ފުށްޓަރު ފަރާތާއި ކައިރީގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ދަތިތަކެވެ.

ގާނޫނީ ކުށެއް، އަދަބު ވެސް އެބަހުރި

ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު އެ ގަވާއިދުގެ ދަށުން ކުނިއެޅުން މަނާ ތަންތަނުގެ ގޮތުގައި މަގުތައް، ގޮނޑުދޮށްތައް، ފަޅުތެރެ އަދި ބަނދަރުފަދަ ތަންތަން ހިމެނެއެވެ. ކުނި އެޅުމަށް ހާއްސަކޮށްފައިވާ ކުނިގޮނޑު އަދި ޑަސްޓްބިން ފަދަ ތަންތަން ފިޔަވާ އެހެނިހެން ތަންތަނަށް ކުނި އެޅުމަކީ މަނާކަމެއް ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކުނި އެޅުން މަނާ ސަރަހައްދަކަށް ކުނިއަޅައިފިނަމަ ޖޫރިމަނާ އެއްގެ ގޮތުގައި 501 (ފައްސަތޭކަ އެއް) ރުފިޔާ އާއި 100،000،000 (ސަތޭކަ މިލިޔަން) ރުފިޔާއާ ދެމެދު އަދަދެއް ކަނޑައެޅިފައިވެ އެވެ.

އަދި މިގަވާއިދުގެ ދަށުން އިޖްތިމާއީ އެކި ކަންކަމުގައި ބޭނުން ކުރާ ސަރަހައްދުތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެގެން ތިއްބަވާ ފަރާތްތަކުން މިތަންތަނުގައި ކުނިއެޅުމަށް އެކަށީގެންވާ ސައިޒުގެ ޑަސްބިން ބަހައްޓަން ޖެހެއެވެ.

އަދި އެސަރަހައްދުތަކުގައި ކުނި އެޅުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ޑަސްބިން ފިޔަވައި އެހެންތަނަކަށް ކުނި އަޅާ ފަރާތްތައް 100 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ކުނިއެޅޭނެ ގޮތް ހަމަޖައްސައިފައިނުވާ ނަމަ އެތަނެއް ހިންގުމާއި ހަވާލުވެ ހުންނަ ފަރާތެއް 10،000 (ދިހަ ހާސް)ރުފިޔާ އާއި 100،000 (އެއް ލައްކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަޅުގަނޑުމެން ދިރިއުޅޭ ވެށި ރީތިކޮށް އޮތުމުން އޭގެ ހުރިހާ ފައިދާއެއް ކުރާނީ ހަމަ އަޅުގަނޑުމެންނަށެވެ. އަތުޖެހުނު ތަނަކަށް ކުނި އުކާލުމުގެ ގޯސް އާދަ މުޖްތަމައު އިން ނައްތާލަން ބޭނުންވަނީ ފަރުދީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށެވެ.