Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ރަލުގެ ވިޔަފާރި ކުރި މީހަކު ދޫކޮށްލަން ކުރި އަމުރު ބާތިލު

ހިތަދޫ ކޯޓް ކައިރީގައި ފުލުހުން .ހަރަކާތްތެރިވަނީ

ރަލުގެ ވިޔަފާރި ކުރި ހިތަދޫ މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.

ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ސ.ހިތަދޫ ކަށިފަށުވިގެ، މުހައްމަދު ޝާރިހް ހަސަން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހުގީގު ނިމިފައިވާތީ ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީއެވެ.

ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްސް އޮފީހުން ވަނީ ހައި ކޯޓުގައި އެމައްސަލަ އިސްތިއުނާފް ކޮށްފައެވެ. ޕީޖީއިން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ ކްރިމިނަލް ކޯޓުން މައްސަލައާއި ގުޅިގެން ކުރި އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ބުނެއެވެ. ހައިކޯޓުން ވަނީ ޕީޖީ އޮފީހުގެ ކުރި އިސްތިއުނާފް ގަބޫލުކޮށް ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.

ހައި ކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަން ކުރި އަމުރުގައި ބުނެފައިވަނީ ޝާރިހާއި ދެކޮޅަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ފުލުހުން ހުށައެޅި ހެއްކާއި ގަރީނާތަކުގެ ސަބަބުން އޭނާ މުޖުތަމައަށް ދޫވެފައި ހުރުމަކީ މުޖުތަމައަށް އޮތް ނުރައްކަލެއް ކަމަށް ދެކޭ ކަމަށެވެ.

ފުލުހުން ވަނީ ޝާރިހުގެ އިތުރުން ދެމީހަކު ވެގެން ލޯންޗަކުން ބޭލި ފޮއްޓެއްގައި ބަނގުރާގެ ބާވަތެއް ކަމަށް ބެލެވޭ ދިޔާއެއްޗެއް ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އެފޮށީގައި ހިފައިގެން ހުރީ ޝާރިހު ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިމައްސަލާގައި ހައިކޯޓުން ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް ޝާރިހު ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.