Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އެޗްއާރްއެޗްގެ ނަރުހުންގެ އެޕްރައިޒަލް މާކްސް "މަޖްބޫރުކޮށްގެން" ދަށްކޮށްފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ އެޕްރައިޒަލް ފޯމުތަކުގައި ސުޕަވައިޒަރުން ދިން މާކްސް ހޮސްޕިޓަލްގެ ވެރިން މަޖުބޫރުކޮށްގެން ދަށްކުރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ އެޕްރައިޒަލް ފޯމްތައް ފުރުމަށް ފަހު އިދާރީ ސެކްޝަނާއި ހަވާލުކުރި ފަހުން އެ ފޯމްތަކުގައި މާކްސް ދީފައިވާ ގޮތް ބަދަލުކުރުމަށް މެނޭޖްމެންޓުން ވަނީ ސުޕަވައިޒަރުންނަށް އަންގާފައެވެ.

މެނޭޖްމެންޓުގެ އެންގުމާއި ގުޅިގެން ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ ސީނިއަރ ނަރުހުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، ފަހުން މެނޭޖްމެންޓުން ސީނިއަރ ނަރުހުންނާއި ވަކިވަކިން ބޭއްވި ބައްދަލުވުންތަކަށް ފަހު އެޕްރައިޒަލް ފޯމްތަކުގައި ކުރިން ދިން މާކްސްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ހިތަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންނާއި އެހެނިހެން މުވައްޒަފުން ވަނީ މިމަހުގެ 23 ވަނަ ދުވަހު އެޕްރައިޒަލް ފޯމްތައް ނިންމުމަށް ފަހު އެޗްއާރް ސެކްޝަނާއި ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް، އެޕްރައިޒަލް ފޯމްތަކަށް މާކްސް ދީފައިވާ ގޮތާއި މެދު އިދާރީ މުވައްޒަފުންނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ވެއެވެ.

ހިތަދޫ ހޮސްޕިޓަލުގެ ނަރުހަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، ހަފްތާ ބަންދުގައި ވެސް އެމީހުންގެ ސުޕަވައިޒަރުންނަށް މެނޭޖްމެންޓުން ގުޅައި، އެޕްރައިޒަލް ފޯމުތަކުގައި ހުރި މާކްސް ބަދަލުކުރުމަށް އަންގާފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާ ބަންދުގައި ސީނިއަރުންނަށް (ސުޕަވައިޒަރުން) ގޭގައި ނުތިބެވޭ ވަރަށް ގުޅާ ހެދި އޮފީހުން. އެންމެ ފަހުން ގެންގޮސް ދެއްކި ވާހަކަތަކަށް ފަހު ކުރިން ދިން މާކްސް ދަށްކޮށްފި. އެކަން ނަރުހުންނަށް އަންގާފައި މިވަނީ."

ސިވިލް ސާރވިސް ގަވާއިދު ބުނާ ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމް، "ޕާރފޯމަންސް އެޕްރައިޒަލް ފޯމް" ފުރުމުގައި މާކްސް ދޭނީ، އެ މުވައްޒަފެއްގެ މަސައްކަތް ސުޕަވައިޒް ކުރާ ފަރާތުންނެވެ.

"އަޅުގަނޑުމެންގެ ސުޕަވައިޒަރު ދެއްތޯ މަސައްކަތުގެ ފެންވަރު ވަޒަން ކުރަން އެންމެ ގާތުގައި ހުންނާނީ. މެނޭޖަރު ނުވަތަ މިތާގެ ޑިރެކްޓަރެއް ނޫން. އެހެން ނޭންގޭނެ ދޯ ދަށް ކުރާށޭ. ގާނޫނާއި ގަވާއިދު ހަދާފައި އޮންނަނީ ހަމައެކަނި މަތީ މީހާ ހިމާޔަތް ކުރާކަށް ނޫން. އަޅުގަނޑުމެން މި މައްސަލަ މިނިސްޓްރީއަށް ހުށަހަޅާނަން"

ސިވިލް ސަރވިސް އިން އެކުލަވާލާފައިވާ 'ދިވެހި ސިވިލް ސަރވިސްގެ މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ އުޞޫލް' ގެ އަތްމަތީ ފޮތުގައި އެޕްރައިޒަލް ފޯމްގެ ބައިތައް ފުރިހަމަ ކުރަންޖެހޭ ފަރާތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އެގޮތުން އޮފީހުގެ ޒިންމާދާރު އިސްވެރިޔާގެ މަސައްކަތް އަދި އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރް ކޮމިޓީ) މަސައްކަތަކީ ކޮބައިކަން ވެސް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ސުޕަވައިޒަރުން އެޕްރައިޒަލް ފޯމްތަކަށް ދޭ މާކްސް ބަދަލުކުރުމަށް އެންގޭނެ ވާހަކައެއް ނުހިމެނެއެވެ.

'ދިވެހި ސިވިލް ސަރވިސްގެ މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ އުޞޫލް' ގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތު ގެ ފެންވަރު ބަލާ ފޯމު ފުރިހަމަކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީ، ސުޕަވައިޒަރެވެ.

އެ އުސޫލްގައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމުތަކުގައި "ސުޕަވައިޒަރ" ކަމުގައި ބަޔާން ކޮށްފައިއެވަނީ ކޮންމެ މުވައްޒަފެއްގެވެސް މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް ހުންނަ މުވައްޒަފެކެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ސިވިލް ސާވިސް ކޮމިޝަނުގެ ވަކީލަކު ވިދާޅުވީ، އެޕްރައިޒަލް ފޯމްތަކުގައި ސުޕަވައިޒަރުން ފުރަންޖެހޭ ބައި ފުރުމުގެ ފުރިހަމަ މިނިވަންކަން އެފަރާތްތަކަށް އޮންނަން ޖެހޭނެ ކަމަށާއި، އޮފީހުގެ އެޗްއާރަށް ނުވަތަ މެނޭޖްމެންޓަށް އެކަމަށް ބާރު ފޯރުވިގެން ނުވާނެ ކަމަށެވެ.

"ސުޕަވައިޒަރު މާކްސް ދޭ ބަޔަށް މާކްސް ދޭނީ އޭނާ. އެޗްއާރަށް އިންނާނެ ވަކި ބައެއް. އެއްގޮތަކަށް ވެސް ސުޕަވައިޒަރު ފުރާ ބައި ފުރިހަމަ ކުރަންޖެހެނީ މެނޭޖްމަންޓް ބޭނުންވާ ގޮތަކަށް ނޫން. އެއީ ސީއެސް ގަވާއިދު ތަންދޭ ކަމެއް ވެސް ނޫން ދެއްތޯ"

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންގެ އެޕްރައިޒަލް ފޯމްތަކަށް ސުޕަވައިޒަރުން ދިން މާކްސް ބަދަލުކުރަން މެނޭޖްމެންޓުން މަޖުބޫރު ކުރުވި ކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީ އަށާއި ސިވިލް ސާވިސް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް ނަރުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި މިހާތަނަށް ހޮސްޕިޓަލުގެ މެނޭޖްމެންޓްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.