Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އީއެފްއެލްގެ ޗެމްޕިއަނަކަށް މެންޗެސްޓާ ޔުނައިޓެޑް

އިނގިރޭސި ފުޓުބޯޅަ ލީގު ކަޕުގެ ޗެމްޕިއަންކަން ފައިނަލުގައި 2-3 އިން ސައުތުހެމްޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑު ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑު ވަނީ ދެގޯލު ޖަހައި ލީޑު ނަގާފައެވެ. 19 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ޖެހި ހިލޭ ޖެހުން ވަނީ ގޯލުގެ ކަނަށް ވަދެގެންގޮސްފައެވެ. ޔުނައިޓެޑުގެ ދެވަނަ ގޯލު ޖަހާފައިވަނީ 38 ވަނަ މިނެޓުގައި ޖެސީ ލިންގާޑްއެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސައުތުހެމްޓަން އިން ވަނީ ގަބިއަޑީނީގެ ގޯލަކާއެކު ޔުނައިޓެޑަށް ޕްރެޝަރު ބޮޑުކޮށްފައެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ސަދަމްޕްޓަން އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައިވަނީ ވެސް ގަބިއަޑީނީއެވެ.

ގޯލަށް ފަހު ސައުތެހެމްޓަން އިން ވަނީ ލީޑު ނެގުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލީޑު ނުނެގި މެޗު ނިމެން ކައިރިވެފައިވަނިކޮށް ކައުންޓާ އެޓޭކެއްގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ.

އިބްރަހިމޮވިޗްގެ ކައުންޓާ އެޓޭކު މުޅިން ކާމިޔާބު ނުވިނަމަވެސް އެންޑަ ހެރޭރާ އޭރިޔާ ތެރެއަށް ނަގައި ދިން ބޯޅަ އިބްރާ ވަނީ ހުށިޔާރުކަމާއެކު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުބާރާތް ކާމިޔާބުކޮށްފައެވެ.

މިއީ ޖޯސޭ މޮރީނިއޯ އަށް މެންޗެސްޓާ ޔުނައިޓެޑު މެނޭޖަރެއްގެ ހައިސިއްޔަތުން ކާމިޔާބުކުރެވުނު ފުރަތަމަ ތަށްޓެވެ. އޭނާ ވަނީ ކުރިން ޗެލްސީގައި ހުރެގެންވެސް މިމުބާރާތް ކާމިޔާބުކޮށްފައެވެ.