Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ވޯކް ވިސާ މީހުންނަށް ގަމުން ފުރޭތީ ބާރު ބޮޑުވެއްޖެ

ބިދޭސީ ވިސާ ހޯލަޑަރުންނަށް ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އެކު ރިޒަވޭޝަން އިތުރުވެެއްޖެއެވެ.

އޭސް ޓްރެވެލްސްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ގަމުން ފުރޭގޮތް މާރޗް 1 އިން ފެށިގެން ހަމަޖެހޭތީ، ގަމާއި ލަންކާ އާއި ދެމެދު ދަތުރުތަކަށް ރިޒަވޭޝަންތައް އިތުރުވެފައިވާ ކަމަށެވެ.

"މާރިޗް 1 ގައި ހަމަޖެހޭތީ މިހާރު ވަރަށް ގިނަ ރިޒަވޭޝަންތައް އެބަލިބޭ. އުއްމީދު މިކުރަނީ މާރޗްގެ ފަހުން ހަމަ ދަތުރުތަކުގެ ޑިމާންޑް ރަގަޅުވެެގެން ދާނެ ކަމަށް"

ދެކުނުގެ ތިން އަތޮޅުގައި ވޯކް ވިސާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރެއެވެ. މިހާރު އެމީހުން އެނބުރި ގައުމަށް ދާންޖެހެނީ، މާލެއަށް ދިއުމަށް ފަހުއެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ހުރި ގޮތަށް ބަލާއިރު މާލެ ދިއުމަށް ބޮޑު ހަރަދެއް އެމީހުން ކުރަން ޖެހޭނެއެވެ.

ގަމުން ކޮލަމްބޯއަށް ސީދާ ދަތުރު ފެށިއިރު ބިދޭސީ ވިސާ ހޯލްޑަރުންނަށް ދަތުރެއް ނުކުރެވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީ ވިސާ ހޯލްޑަރުންނަށް ފުރޭ ގޮތް ހަމަޖެއްސުމަށް ބޮޑު މަސައްކަތެއް ކުރަންޖެހޭތީ އެކަމަށް ވަގުތު ބޭނުން ކަމަށެވެ. އަދި މާޗް 1 ވަނަ ދުވަހުން ފެށިގެން ބިދޭސީ ވިސާ ހޯލްޑަރުންނަށް ދަތުރު ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަމާއި ލަންކާ އާއި ދެމެދު ދަތުރުކުރާ ހަމައެކަނި އެއާލައިން ސްރީލަންކަންއިން ގެންދަނީ ޕެސިންޖަރުން ހޯދުމަށް ތަފާތު ފެއާތައް ބާއްވަމުންނެވެ. އެގޮތުން މިއަހރުގެ ފުރަތަމަ ޓާމްގެ ފުރަތަމަ ސްކޫލް ބަންދާއި ދިމާކޮށް ހާއްސަ ފެއާއެއް ވަނީ ފަށާފައެވެ. މި ފެއާގެ ދަށުން 305 ޑޮލަރަށް ގަން/ ކޮލަމްބޯ ރިޓާން ޓިކެޓް ލިބެއެވެ.