ހުޅުމީދޫ އާއި ފުވައްމުލަކު އަދި ހުވަދު އަޮތޮޅުގެ އަށް ރަށެއްގެ ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާންގެ ތެރެއިން ޑަސްބިނާއި، ގަސް ކާނާ ތައްޔާރު ކުރާ ސާމާން ހޯދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެންވައިރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހޯދުމަށް ހަވާލު ކޮށްފައިވަނީ އެންޓްރާންސް ނަމަކަށް ކިޔާ ކުންފުންޏަކާއިއެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މިތަކެތި ހޯދުމަށް މި ކުންފުންޏަށް ދީފައިވަނީ 32 ދުވަހުގެ މުއްދަތެކެވެ. އެގޮތުން ހުޅުމީދޫ އަދި ފުވައްމުލަކަށް ބޭނުންވާ ސާމާން ހޯދުމަށް ހުށަހަޅާފައިވަނީ ހަލައްކަ ރުފިޔާއެވެ.
ހުވަދު އަތޮޅުގެ ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ހޯޑެއްދޫ. ގދ. ނަޑެއްލާ، ގދ. ފިޔޯރި، ގދ. ފަރެސްމާތޮޑާ، ގދ. ވާދޫ އަދި ގދ. ގައްދޫގެ ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ގަންނަން ދިނީ އަށް ލައްކައަށްވުރެ ގިނަ ރުފިޔާ އަށެވެ.
މި ރަސްމިއްޔާތުގައި އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވީ މި އަހަރުގެ ތެރޭގައި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ އަދި ފުވައްމުލައް ހިމެނޭ ގޮތަށް ކުނި މެނޭޖް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވާ އިރު ހުޅުމީދޫގައި ކުނި މެނޭޖް ކުރުމަށް ކަލެކްޝަން ސެންޓަރެއް ވަނީ ހަދާފައެވެ.